ޚަބަރު

މުޒާހަރާތައް ހުއްޓުވަން ލަންކާގައި ކާފިޔު އިޢުލާންކޮށްފި


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ހިތްހަމަނުޖެހުން ފާޅުކުރަން އެ ޤައުމުގެ ޢާއްމުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކޮށްފިއެވެ.

ސުރީ ލަންކާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޕުރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 6އެއް ޖެހުމާ ހަމައަށް ކާފިޔުއެއް ތަންފީޒުކޮށްފައިވާކަމަށެވެ. އޭގެ ކުރިން ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވައި ބައެއް ޤާނޫނުތަކަށް ޢަމަލުކުރެއްވުން މެދުކަނޑާލައްވައި ޞުލްޙައާއި އަމަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ނުކުތުމަށް ޢަމުރުކުރައްވައިފައެވެ. އެއާއެކު ކޯޓު ޢަމުރަކައި ނުލައި މުދަލާއި ގެދޮރު ބަލައިފާސްކޮށް މީހުން ހައްޔަރުކުރުމުގެ ބާރުވަނީ ސަލާމަތީ ބާރުތަކަށް ލިބިފައެވެ. ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވަން ޖެހިވަޑައިގަތީ އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް ސަރުކާރަށް ޖާގަދެއްވުމަށްކަމަށެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. މައްސަލަ އިތުރަށް ގޯސްވީ ތަކެތީގެ އަގު އިންތިހާއަށް އުފުލި ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަން ޖެހުނު ހިސާބުންނެވެ. ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ކަނޑަން ޖެހުނު މައިގަނޑު ސަބަބަކީ ސުރީ ލަންކާއިން ގަނެފައިވާ 37،000 ޓަނުގެ ޑީސަލަށް ދައްކަން ޖެހޭ 52 މިލިޔަން އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތް ނުވުމުންނެވެ. އެ ޤައުމުންވަނީ އިންޓަނޭޝަލް މަނިޓަރީ ފަންޑު، އައިއެމުއެފުގެ މާލީ އެހީތެރިކަމަށްވެސް އެދިފައެވެ. މީގެ ކުރިން އެ ޤައުމުންވަނީ 16 ފަހަރެއްގެ މަތިން އައިއެމުއެފުގެ މާލީ އެހީތެރިކަން ހޯދައިފައެވެ.

އެމެރިކާއިން ސުރީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޖޫލީ ޗުންގު ވިދާޅުވީ މުޒާހަރާކުރުމާއި ޝުޢޫރުފާޅުކުރުމުގެ މިނިވަންކަން ސުރީ ލަންކާގެ ރައްޔިތުންނަށް އޮންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާއި އެއީ ދިމީޤްރާޠީ ވެރިކަމެއްގެ މުޙިއްމު އަސާޞެއްކަމަށެވެ. އަދި ސުރީ ލަންކާގެ ޙާލަތު އެމެރިކާއިން ގާތުން ބަލާނެކަމަށާއި ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.