ދުނިޔޭގެ ވިޔަފާރި

ރޯދަމަހާއި ކުރިމަތިލިއިރު ޕާކިސްތާނުގައި ތަކެތީގެ އަގު އަތްނުފޯރާ ފަށުގައި!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަމަސް ފެށިފައިވާއިރު، މިއަހަރުގެ ރޯދަމަހު ގިނަ މީހުންނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ކޯވިޑާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ގެއްލުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުމެވެ. މިގޮތުން މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނުގެ ރައްޔިތުންނަށްވެސް މިއަހަރުގެ ރޯދަމަހު ކުރިމަތިވާނެ އެންމެ ބޮޑު ތަކްލީފަކީ ތަކެތީގެ އަގު އުފުލުމެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ އާބާދީގެ 99 އިންސައްތައަކީ މުސްލިމުންނެވެ. ރޯދަމަސް ކައިރިވަމުން އަންނައިރު މީގެކުރިން ޕާކިސްތާނުން ފެނިގެންދާ މަންޒަރަކީ އެންމެންވެސް އަވަދިނެތި ބާޒާރުކުރުމުގައި އުޅޭ މަންޒަރެވެ. ގޭގެ ތެރެއަށް ބޭނުންވާ ތަފާތު ތަކެއްޗާއި ކާބޯތަކެތީގެ ބާވަތްތައް ރޯދައަށް ހޯދުމަކީ ޕާކިސްތާނުގެ މީހުންގެ މެދުގައިވެސް އޮންނަ ކަމެކެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އެކި ތަކެތީގެ އަގު އުފުލެމުންދިއުމަކީ ޕާކިސްތާނުގެ ރައްޔިތުންނަށްވެސް އެކަމުގެ އުނދަގުލާއި ކުރިމަތިލާންޖެހިފައިވާ ކަމެކެވެ.

ރޯދައާ ދިމާކޮށް ބާޒާރުކުރަން އުޅުނު ބައެއް މީހުން ބުނިގޮތުގައި ބާޒާރުގައި ތަކެތީގެ އަގު ވަނީ ދެ ގުނަ އުފުލިފައެވެ. އަދި މުޅި ރޯދައަށް ބޭނުންވާ ވަރަށް މީގެކުރިން ބާޒާރުކޮށްލެވުނަަސް، މިފަހަރު ބައެއް މީހުންނަށް ޖެހުނީ ރޯދައަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓު ކުޑަކުރަންށެވެ.

އަނެއްކޮޅުން މިއަހަރުގެ ރޯދަމަހާއި ޕާކިސްތާނުން ކުރިމަތިލަނީ އިގްތިސާދީ ކާރިސާއެއްގެ އތުރުން ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ގައުމު އޮތްވައެވެ. އާދިއްތަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު އިމްރާން ހާންއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތާވަލްކޮށްފައި އޮތުމުން، ބާޒާރަށް އިތުރު ލޮޅުންތައް އަންނާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ގައުމުގެ ވެރިޔަކަށް ހުރި ބޭފުޅާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން އުޅުނަސް އެ ގައުމުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ތަކެތީގެ އަގު މައްޗަށް ދިއުމާއި މެދުއެވެ.

ޕާކިސްތާނުގެ ބައެއް މީހުން ބުނިގޮތުގައި ވެރިކަމުގައި ހުރީ ކާކުތޯ ބަލާކަށް އެމީހުން ބޭނުމެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އެ މީހުން ބޭނުން ގޮދަނާއި، ގިތެލާއި ހަކުރާއި އެހެނިހެން ޒަރޫރީ ކާބޯތަކެތި އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމެވެ.

ޕާކިސްތާނުގެ ބައެއް މީހުން ބުނިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ތިރިވާއިރު ޕާކިސްތާނުގައި ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުމަކީ މިހާރު ކޮންމެ ރޯދަމަހަކުވެސް ފާހަގަވާކަމެއްކަމަށެވެ.

ޕާކިސްތާނުގެ ބާޒާރަށް ބަލާއިރު ރޯދަމަހުގެ އެންމެ އާއްމު ބާވަތްކަމަށްވާ ކަދުރުގެ އަގުވެސް ވަނީ 25 އިންސައްތަ އުފުލިފައެވެ. އަދި މިކަމުގެ ސަބަބުން އެންމެ ފަގީރު އާއިލާތަކަށް މިތަކެތި ނުލިބޭނެކަން ބައެއް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ޕާކިސްތާނަކީ އުފެއްދުންތެރިކަން ދަށް، ދަރަނި އަދި ހަރަދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ ގައުމެކެވެ.

މިހާރު ކުރިމަތިވެގެން އުޅޭ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޕާކިސްތާނުގެ ސަރުކާރުން ވަނީ 8 ބިލިއަން ރުޕީސްގެ "ރަމަޟާން ރިލީފް ޕެކޭޖް"އެއް ވަނީ ފަސްކޮށްފައެވެ. މި ޕެކޭޖްގެ ދަށުން ޒަރޫރީ 19 ބާވަތެއް 6000 ފިހާރައަކުން އަގުހެޔޮކޮށް ލިބޭނެ މަގުފަހިވެގެންދާނެއެވެ.