ޚަބަރު

ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާއަށް ދޫކުރާ ހުއްދައަށް އެދުމަށް ޕޯޓަލްއެއް ލޯންޗްކޮށްފި


ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް އޮންލައިން ޕޯޓަލްއެއް ލޯންޗްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ލޯންޗްކުރި މި ޕޯޓަލް marineresearchpermit.egov.mv އަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރަސާތައްކުރުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުން އަދި ހުއްދަ އައުކުރުމާއި ގުޅިގެން ހިނގާ އެންމެހާ އިދާރީ މުޢާމަލާތްތަކާ ގުޅޭ ކަންކަން އެއްތަނަކުން ކުރިއަށްގެންދިއުމަށްޓަކައި ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލްގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޔުނިވަރސިޓީތަކުންނާއި، އެކި އެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން މި ޕޯޓަލް މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ވެށީގެ ދިރާސާ ކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން ދިރާސާތައް ކުރަމުންދާ ސަރަހައްދުތަކާއި، ދިރާސާއާ ގުޅޭ ޚުލާސާ މަޢުލޫމާތު ހިމެނޭ ޗާޓެއް ޕޯޓަލްއިން ފެންނަން ހުންނާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މެރިން ރިސަރޗް ޕަރމިޓް ޕޯޓަލް ތަޢާރަފުކުރުމާ ގުޅިގެން ކަނޑުގެ ވެއްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުވެގެން ދިޔުމެވެ. އަދި މި މުހިންމު ވަސީލަތާބެހޭގޮތުން ހޯދޭ މަޢުލޫމާތާއި ޢިލްމް އިތުރަށް މުއްސަނދިވެ، މުޖުތަމަޢުގައި ކަނޑާއި ކަނޑުގެ ދިރުންތަކާމެދު އޮންނަ ހޭލުންތެރިކަން އިތުރުވެގެން ދިއުން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީއިން ހާމަކުރެއެވެ.

މިޕޯޓަލް އަކީ ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) ގުޅިގެން ތަންފީޒުކުރަމުންދާ "ރީޖެނަރޭޓް" މަޝްރޫޢުގެ ތެރެއިން ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ. މި މަޝްރޫޢަކީ ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ ދީލަތި އެހީއާއެކު ހިންގާ މަޝްރޫޢުއެކެވެ.