ޚަބަރު

ރަޝިޔާގެ ހަނގުރާމައިގެ މުޙިއްމު މަރުކަޒަކަށް ޔޫކްރެއިނުގެ ވަރުގަދަ ޙަމަލާއެއް


ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއިން ބޭނުންކުރަމުންދާ ހަނގުރާމައިގެ މުޙިއްމު މަރުކަޒަކަށް ޔޫކްރެއިނުން ވަރުގަދަ ޙަމަލާއެއްދީފިއެވެ.

ޔޫކްރެއިނުގެ ހެލިކޮޕުޓަރުތަކެއްވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ބެލްގޮރޯޑުގައި ހުންނަ މުޙިއްމު މަރުކަޒަކަށް ޙަމަލާދީފައެވެ. ޔޫކްރެއިނުން ދިން ޙަމަލާތަކުގައި އެ މަރުކަޒުގައި ހުންނަ ތެޔޮރައްކާކުރާ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ވަރަށް ބޮޑަށް އަލީފާން ރޯވެފައިވެއެވެ. ރަޝިޔާގެ އަސްކަރިއްޔާއިން އެ މަރުކަޒު ބޭނުންކުރަނީ ޔޫކްރެއިނުގެ އިރުމަތީގައި ހަނގުރާމަކުރަމުންދާ ލަޝްކަރުތަކަށް ތެލާއި އެ ނޫންވެސް އަސްކަރީ ސާމާނުތަކާއި ޖާސޫސީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށެވެ. އެއީ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ހަނގުރާމަ ފެށުނުފަހުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިނުން ރަޝިޔާއަށް ވައިގެމަގުން ދިން ފުރަތަމަ ޙަމަލާއެވެ.

ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރަޝިޔާއިންވަނީ މަޝްވަރާތަކަށް ޖާގަދިނުމަށްކަމަށް ބުނެ ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް މަދުކޮށް އެ ޤައުމުގެ ވެރިރަށް ކިޔޭވު ވަށާލައިގެން ތިބި ލަޝްކަރުތައް ފަހަތަށް ޖައްސައި އަލުން ޖަމާކުރަމުންނެވެ. އަދި ޔޫކްރެއިނުގެ ދެކުނު އިރުމަތީގެ ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައްވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެއީ ފަސް ހަފުތާއަށް ދިގުދެމިގެންގޮސްފައިވާ ހަނގުރާމާގައި ރަޝިޔާއިން އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ސަރަޙައްދެވެ.

ޔޫކްރެއިނުން ދިން ޙަމަލާއާ ގުޅޭގޮތުން ރަޝިޔާއިން ބުނެފައިވަނީ އެއީ މަޝްވަރާތަކަށް ހިޔަނިއެޅުން އެކަށީގެންވާފަދަ ޢަމަލެއްކަމަށެވެ.