ޚަބަރު

މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް


މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

މާދަމާއަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވަނީ އިސްލާމިކް މިނިސްޓްރީން ބޭއްވި ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި އިއްވެވި ބަޔާނުގައެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ދިވެހިރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމި ބައެއް ޤައުމުތަކަށް ފެނިފައިވާތީ، މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނަކީ ފަލަކީ ކޮމެޓީގައި ހިމެނޭ ފަރާތްތަކުން ކުރެއްވި މަޝްވަރާތަކަށްފަހު އިއްވެވި ބަޔާނެކެވެ.

ދިވެހިރާއްޖޭގައި ރޯދަމަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ޤައުމަކަށް ހަނދު ފެނިއްޖެނަމަ ދެން އަންނަ ދުވަހު ރޯދަ ހިފަން ފެށުމެވެ.