ޚަބަރު

ޕާކިސްތާނުގެ ވެރިކަން ބަދަލުކުރަން އުޅުމުގެ ތުޙުމަތު އެމެރިކާއަށް


ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަންނަކަމަށް ބުނެ ޕާކިސްތާނުން އެމެރިކާއަށް ބޮޑެތި ތުޙުމަތުތަކެއްކޮށްފިއެވެ.

ޕާކިސްތާނުގެ ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން އެ ޤައުމުގެ ބޮޑުވަޒީރު އިމުރާން ޚާން ވިދާޅުވީ ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އެ ޤައުމުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ހިތްވަރުދޭތީ އެ ކަމުގެ ޝަކުވާ އެ ޤައުމުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ލިޔުމުން ހުށަހަޅުއްވާފައިވާނެކަމަށެވެ. އިމުރާން ޚާން ތުޙުމަތުކުރެއްވި ގޮތުގައި އެމެރިކާއިން ހިތްހަމަނުޖެހުނީ ދާދިފަހުން ރަޝިޔާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރެއްވުމުންނެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ޢަމަލުތައް ސާބިތުވާ ލިޔެކިޔުންތަކެއް ހެކީގެ ގޮތުގައި އޭނާއަށް ލިބިވަޑައިގެންފައިވާކަމަށެވެ،

ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމަށް އިމުރާން ޚާން ކުރެއްވި ތުޙުމަތުތައް އެމެރިކާގެ ރިޔާސީ ގަނޑުވަރުންވަނީ ދޮގުކޮށްފައެވެ. އިމުރާން ޚާން އެފަދަ ތުޙުމަތުތަކެއް ކުރައްވާފައިވަނީ އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ވޯޓުގެ ކުރިން ވެރިކަންކުރާ އިއްތިޙާދުގެ ބައެއް މަޖިލިސް މެންބަރުންވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައެވެ. އިމުރާން ޚާނުގެ ތުޙުމަތުތައް ޢާއްމުކުރެއްވުމުން އެމެރިކާއާ ދެކޮޅަށް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ.