ވިޔަފާރި

ގެސްޓް ހައުސްގެ ވިޔަފާރި- ގުރައިދޫގައި ކުރިމަގު އޮތް ވިޔަފާރިއެއް


ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ކ.ގުރައިދޫއަކީ ރަށު ފެންވަރުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަށް ރަށެކެވެ.އެކި ފަންތީގެ ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުން އަންނަ އިރު، މިކަމުން ރަށުގެ ރައްޔިތުންނަށް ރަނގަޅު ނަފާއެއްވެސް ދަނީ ލިބެމުންނެވެ. މިހާރު ލިބޭ އަމްދާނިއަށް ބަލާ، މި އަހަރު ތެރޭގައިވެސް އިތުރު ގެސްޓް ހައުސްތައް ހުޅުވުމަށް އެރަށުގެ ބައެއް ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.ޕީއެސްއެމް ނިއުސްއާ  ވާހަކަދައްކަމުން ގެސްޓް ހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ، މި މަސައްކަތަކީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއްކަމަށެވެ. އަދި މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ލިބޭ މަސައްކަތެއްކަމުން، މި މަސައްކަތް ފަށައިގަތުމުގެ ގޮތުން ބޮޑު ހަރަދެއް ކުރަން ޖެހުނުކަމުގައިވީނަމަވެސް މިއީ ކުރަން ރަނގަޅު ވިޔާފާރިއެއްކަމަށެވެ.ގެސްޓް ހައުސް ހިންގުމަކީ ބުރަ މަސައްކަތެއްނަމަވެސް  ރަށަށް އަންނަ ފަތުރުވެރިން އެންމެ ހިތްހަމަޖެހޭ ގޮތަށް މިމަސައްކަތް ކުރުމަށް ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ބޮޑު އަހަމިއްޔަތު ކަމެއްދެއެވެ. ގުރައިދޫގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނާގޮތުގައި މި ވިޔަފާރި ކުރުމުގައި އެފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަމެވެ.ގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރި ރަށުގައި ފުޅާކުރުމަށްޓަކައި މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް އެ ކައުންސިލުން ދެވެން އޮތް އެއްބާރުލުމެއް ދެމުން ގެންދާކަމަށާއި، ފަތުރުވެރިން އެންމެ ހިތްހަމަ ޖެހޭގޮތަކަށް ކަންތައް ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.