ޚަބަރު

ޖޯޖިޔާގެ ދެކުނު އޮސޭތިޔާވެސް ބޭނުންވަނީ ރަޝިޔާއާ ގުޅެން


ޖޯޖިޔާގެ ސުޓޭޓެއްކަމަށްވާ ދެކުނު އޮސޭތިޔާއިން ބޭނުންވަނީ ރަޝިޔާއާ ގުޅެންކަމަށް އިޢުލާންކޮށްފިއެވެ.

ސަޤާފީގޮތުންނާއި ތާރީޚީގޮތުންނާއި ނަޞްލީގޮތުން ރަޝިޔާއާ ގާތްގުޅުމެއް އޮންނަ ދެކުނު އޮސޭތިޔާގެ އެންމެ އިސްވެރިޔާ އަނަތޮލީ ބިބިލޯފު ވިދާޅުވީ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު އުއްމީދަކީ ރަޝިޔާއާ ގުޅުންކަމަށެވެ. އަދި ދެކުނު އޮސޭތިޔާއިން އެންމެ މުޙިއްމު ކަމެއް ދެން ދޭނީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ސަރަޙައްދު ހެދުންކަމަށްވެސް ބިބިލޯފު ވިދާޅުވިއެވެ. އެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެކުނު އޮސޭތިޔާގައި ފެންނަނުފެންނަ ވޯޓެއް ނަގައި ޤާނޫނީގޮތުން އެ ނިންމުން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2008ވަނަ އަހަރުގެ ތެރޭގައި ޖޯޖިޔާގެ އަސްކަރިއްޔާއިންވަނީ ދެކުނު އޮސޭތިޔާއާއި އަބުކާޒިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ދެކުނު އޮސޭތިޔާގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުންގެ ދިފާޢުގައި ރަޝިޔާއިންވަނީ އެ ސަރަޙައްދަށް ސިފައިން ފޮނުވައި ޖޯޖިޔާގެ ފައުޖުތައް ފަހަތަށް ޖައްސައިފައެވެ. އަދި ދެކުނު އޮސޭތިޔާގެ މިނިވަންކަން ޤަބޫލުކޮށް ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހިފައިވަނީ އެ ސަރަޙައްދަށް ޖޯޖިޔާއިން ޙަމަލާނުދިނުމަށް ޝަރުތުކޮށްފައެވެ. އެއާއެކު ދެކުނު އޮސޭތިޔާއިންވަނީ އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ނިންމުން ބަލައިގަނެފައެއް ނުވެއެވެ.

ދެކުނު އޮސޭތިޔާގެ ނިންމުމާ ގުޅޭގޮތުން ޖޯޖިޔާގެ ބޮޑުވަޒީރު ދޭވިދު ޒަލްކަލިޔާނީ ވިދާޅުވީ އެ ސަރަޙައްދުގައި ރަޝިޔާގެ އަސްކަރީ ނުފޫޒު އޮއްވައި ފެންނަނުފެންނަ ވޯޓެއް ނުނެގޭނެކަމަށާއި އެފަދަ ވޯޓެއްގެ ޤާނޫނީ ބަރުދަނެއް ނޯންނާނެކަމަށެވެ. އަދި ދެކުނު އޮސޭތިޔާއަކީ ރަޝިޔާއިން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ވިލާތުގެ އިންސާނީ ޙައްޤުތަކާބެހޭ ކޯޓުން ކަނޑައަޅާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

2008ވަނަ އަހަރުގެ ތެރޭގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ އަބުކާޒިޔާއިން ބުނެފައިވަނީ ރަޝިޔާއާ ގާތްގުޅުންތަކެއް އޮތް ނަމަވެސް އެ ޤައުމާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. ރަޝިޔާއާ ގުޅެން ދެކުނު އޮސޭތިޔާއިން ނިންމާފައިވަނީ ޔޫކްރެއިނުގެ ދޮންބާސްގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ދޮންޔެސްކުންވެސް ރަޝިޔާއާ ގުޅެން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް ދޮންބާސްގެ ދެވަނަ ދަޢުލަތްކަމަށްވާ ލުހާންސްކުން އަދި އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ރަޝިޔާއިންވަނީ އޮސޭތިޔާއާއި އަބުކާޒިޔާއާއި ދޮންޔެސްކާއި ލުހާންސްކުގެ މިނިވަންކަން ޤަބޫލުކޮށްފައެވެ.