ކުޅިވަރު

ގަތަރު ވޯލްޑް ކަޕުގައި ބޭނުންކުރާނެ ބޯޅަ ދައްކާލައިފި


މިއަހަރުގެ ފަހުކޮޅު ޤަތަރުގައި ބޭއްވުމާށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގައި ބޭނުންކުރާނެ ބޯޅަ ފީފާއިން އާންމުކޮށް ދައްކާލައިފިއެވެ. އެޑިޑާސްއިން އުފެއްދި މިފަހަރުގެ އޮފިޝަލް މެޗް ބޯލް އަށް ދީފައިވާ ނަމަކީ އަލް ރިހްލާއެވެ.

މިއީ ފީފާ ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެޑިޑާސްއިން އުފެއްދި 14 ވަނަ ބޯޅައެވެ. އެކުންފުނިން ހާމަކުރިގޮތުގައި މި ފަހަރުގެ ބޯޅައަކީ މިހާތަނަށް އުފެއްދި ހުރިހާ ބޯޅަ ތަކަށް ބަލާއިރު ބޯޅަ ޖެހުމުން އެންމެ ބާރަށް ދަތުރު ކުރާ ބޯޅައެވެ. އަދި މިބޯޅައަށް ދީފާވާ އަރަބި ނަންކަމަށް އަލް ރިހްލާގެ ނަން ދީފައިވަނީވެސް މިކަމަށް ބިނާކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެއިތުރުން މިއީ މިހާތަނަށް އަމާޒަށް އެންމެ ރަނގަޅަށް ވާސިލް ވާނެ ބޯޅައަށް ވެގެންދާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މިފަހަރުގެ ބޯޅައިގެ ޑިޒައިން ޑިރެކްޓަރ ފްރެންޒިސްކާ ލޮއެފެލްމެން ހާމަކުރިގޮތުގައި ފުޓްބޯޅަ އަންނަނީ ދުވަހެއް ދުވަހަކަށް ހަލުވި ކުޅިވަރަކަށް ވަމުން ކަމަށާއި އެހެން ކަމުން އަމާޒަށް ވިހާވެސް ހަލުވިކަމާއެކު ބޯޅަ ވާސިލް ވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

މިފަހަރުގެ ބޯޅަ ޓީމްތަކާއި ކުޅުންތެރިންނަށް ކަމުދާނެކަމަށް ފީފާ އާއި އެޑިޑާސްއިން ގަބޫލްކުރެއެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތަށް ތައާރަފްކުރި ޖަބުލާނީ ބޯޅައަށް ކުޅުންތެރިންގެ ފާޑު ކިޔުން އަމާޒުވުމާއެކު ފީފާއިން ވަނީ އެބޯޅައިގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އަދި އެންމެފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ދެބޯޅައެއް ތައާރަފް ކުރަންޖެހުނުތަން ފެނިގެންދިޔައެވެ. މިގޮތުން ގްރޫޕް ސްޓޭޖްގައި ބޭނުންކުރި ޓެލްސްޓާ އެއިޓީންގެ ގެ ބަދަލުގައި ނޮކްއައުޓް ސްޓޭޖުން ފެށިގެން ބޭނުންކުރީ ޓެލްސްޓާ މެޗްޓާއެވެ. މިފަހަރުގެ ބޯޅަ އާންމުކޮށްފައިވާއިރު ފީފާއިން އަންނަނީ ވާރލްޑް ކަޕްގެ ގުރުއަތުލުން މާދަމާ ބޭއްވުމަށް ތައްޔާރު ވަމުންނެވެ.