ކުޅިވަރު

ތިން މިލިއަން ވިއުސް އާއެކު މުބާރާތުގެ ކާމިޔާބީ ފެނިގެންދޭ: ރިލްވާން


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު ބެލި މީހުންގެ އަދަދު ތިން މިލިއަންއަށް އެރިކަމަށާއި، މިވަރުގެ ވިއުސްއެއް ލިބުމުން މި މުބާރާތުގެ ކާމިޔާބީ އެނގިގެންދާ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ރައީސް ރިލްވާން މޫސާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗަށްފަހު މީޑިއާއަށް ދިން އިންޓަރވިއުގައި ރިލްވާން ވިދާޅުވީ، މި މުބާރާތަކީ ކާމިޔާބު މުބާރާތެއްކަން ވިއުސްއަށް އެކަނި ބަލާލިކަމުގައިވީ ނަމަވެސް ފެނިގެންދާނެ ކަމަށެވެ.

ރިލްވާން ވިދާޅުވީ މުބާރާތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ޓީމުތަކުން ބުނާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މި މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ކޮވިޑާއެކުވެސް ކާމިޔާބުކަމާއެކު ނިންމާލެވުނީ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ޓީމާއި ސްޕޮންސަރުންގެ އެހީތެރިކަމާއެކުގައި ކަމަށް ރިލްވާން ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވީ، 91 ޓީމާއެކު މި މުބާރާތް ދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މިފަހަރުގެ މުބާރާތް ދިޔައީ ޕްލޭނާއި އެއްގޮތަށް ކަމަށެވެ.

ރިލްވާން ވިދާޅުވީ މި އަހަރުގެ މުބާރާތައް ތައްޔާރުވާން ފެށިއިރުވެސް ކޮވިޑްގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. އެކަމަކު އެކަމަށް ވިސްނައިގެން ތައްޔާރުވުން އެއީ މި މުބާރާތް މިހާ ފުރިހަމައަށް ގެންދެވުނު އަސްލު ކަމަށް ރިލްވާން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރުއެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެއަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.