ވިޔަފާރި

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު ރައްޔިތުން ތެލަށް ކުރާ ހޭދަ އެތައް ގުނައަކުން ކުޑަވާނެ


ސަރުކާރުން ދަނީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢެވެ.

މި މަޝްރޫޢު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މަރޗުމަހުގެ 29 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާއާއި މެލޭޝިޔާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏަކާއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިދައުރު ނިމޭއިރު 555 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރެވޭނެކަމަށެވެ. އަދި މިއީ ސަރުކާރަށް ބޮޑުތަނުން ޙަރަދުތައް ސަލާމަތްވާނެ މަސައްކަތެއްކަމަށްވެސް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ދައުރު ނިމޭއިރު، ދައުލަތުން ތެޔޮ ގަންނަން ކުރާ ހޭދައިން 225 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރަނީ:
1. އައްޑޫސިޓީ - 3 މެގަވޯޓް
2. ފުވައްމުލަކުސިޓީ - 2 މެގަވޯޓު
3. ގދ. ތިނަދޫ - 2 މެގަވޯޓު
4. ކުޅުދުއްފުށި ސިޓީ - 1.5 މެގަވޯޓު
5. ބ. އޭދަފުށި - 1.5 މެގަވޯޓު
6. ޅ. ހިންނަވަރު - 1 މެގަވޯޓު

މި ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމަށް 6 ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ބޭޓަރީ ސިސްޓަމް ޤާއިމުކުރެވޭނެއެވެ.

މިމަޝްރޫޢަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެއްބަސްވުމަކަށް އައިސްފައިވަނީ ސަރުކާރަށް ކަރަންޓު ވިއްކުމަށް އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏާއެކުއެވެ. އެގޮތުން ހެދުނުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހުށަހެޅީ އުފައްދާ ކޮންމެ ކަރަންޓް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ސޯލަރ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެންމެ ހެޔޮ އަގުކަމަށެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 އިންސައްތައަށް ވުރެ ދަށް އަގެއްކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފުރަތަމަ ކުއާޓަރގައި ފެށި އަހަރުގެ ފަހުކޮޅުގައި ޙިދުމަތްދޭން ފެށޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިމަޝްރޫޢުގެ ސަބަބުން ތެލަށް ކުރާ ޙަރަދާއި އަދި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރެވޭ މިންވަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަޝްރޫޢުގެ 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ. އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެއެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12694 މެޓްރިކްޓަނުގެ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެސްޕަޔަރ މަޝްރޫޢޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީގެ ނިޒާމާއި ބެޓަރީ އެނރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ އިއުލާނުކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.