ކުޅިވަރު

ގޮންޖެހުންތަކާއެކުވެސް މި ކާމިޔާބީގެ އަސްލަކީ އެކުގައި ކުރެވުނު މަސައްކަތް: ގަބޭ


ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ތަށި ދިފާއުކުރަން ތިމަރަފުށިން މިފަހަރު ނުކުތީ ގޮންޖެހުންތަކަކާއެކު ކަމަށާއި، އެކަމަކު މި ކާމިޔާބީގެ އަސްލަކީ ޓީމެއްގެ ގޮތުގައި އެކުގައި ކުރެވުނު މަސައްކަތް ކަމަށް މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދި އިބްރާހީމް އަސްވަދު (ގަބޭ) ބުނެފިއެވެ.

ފައިނަލް މެޗަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ގަބޭ ބުނީ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މި މުބާރާތާ ކުރިމަތިލީ ގޮންޖެހުންތަކަކާއި ޕްރެޝަރާ އެކުގައި ކަމަށެވެ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކުޅުންތެރިން އެކުވެ ކުރި ބުރަ މަސައްކަތުގެ އަސްލަކީ މި މުބާރާތުގެ ތަށި ދިފާއު ކުރެވުން ކަމަށް ގަބޭ ބުންޏެވެ.

ގަބޭ ބުނީ މި މުބާރާތައް ނުކުތީ ތަށި ދިފާއު ކުރުމަށް ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ފަރާތްތަކުގެ އެހީގައި ހޯދުނު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީ ހާއްސަވަނީ ރަށާއި އަތޮޅުގެ ހުރިހާ އެންމެނަށް ކަމަށްވެސް ގަބޭ ބުންޏެވެ.

މި މުބާރާތައް ނުކުތީ އިންޑިވިޖުއަލް އެވޯޑުތަކެއް ހޯދުމުގެ ބަދަލުގައި ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަށްވުރެ، މުބާރާތް ކާމިޔާބުކުރެވުމުން އެކަމުގެ ހިތްހަމަ ޖެހުން މާ ބޮޑު ކަމަށް ގަބޭ ބުންޏެވެ. އަދި އަންނަ އަހަރުގެ މުބަރާތައް ނުކުންނާނީ މި ކާމިޔާބީ ތަކުރާރު ކުރުމަށް ކަމަށްވެސް ގަބޭ ބުނިއެވެ. ގަބޭ ބުނީ ފުޓްސެލް ކިންގގެ މަގާމު ލިބުމުން އެކަމާ އުފާކުރާ ކަމަށާއި، އެކަމަކު މި މުބާރާތުގައި އޭނާއަށް އެނާއަށްވުރެ މޮޅަށް ކުޅުނު ކުޅުންތެރިން ފެނިގެންދިޔަ ކަމަށެވެ.

ގޯލްޑަން ފުޓްސެލް މުބާރާތް ހިނގަމުން އަންނަނީ ވަރަށް ފުރިހަމަކޮށް ކަމަށް ބުނަމުން ގަބޭ ބުނީ މުބާރާތުގެ އިންތިޒާމްގެ ކަންކަމާ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ގަބޭ ބުނީ ތިމަރަފުށީ ޓީމުގެ މިހާރުގެ އަމާޒަކީ ހަތަރުވަނަ ފަހަރަށްވެސް މި ތަށި ހޯދުން ކަމަށެވެ.

ގާފަރު ބަލިކޮށް ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ނެގިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ތިންވަން ފަހަރެވެ. ތިމަރަފުށިން ވަނީ މީގެ ކުރިން 2016 އަދި 2019 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ތިމަރަފުއްޓަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ.