ޚަބަރު

ތިލަމާލެ ބުރިޖްގެ އެންމެ މުހިންމު މަސައްކަތަށް ބޭނުންވާ ބާޖު ރާއްޖެއަށް


ތިލަމާލެ ބްރިޖްގެ އެންމެ މުހިންމު ސަރވޭތަކާއި މަސައްކަތްތަކަށް ބޭނުންވާ ބާޖު ރާއްޖެ ގެނެސްފިއެވެ.

މި ބާޖަކީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ އުޅަނދެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަަރއިން ވިދާޅުވީ މި ޖެކްއަޕް ބަރޖްއަކީ ބްރިޖްގެ މަސައްކަތަށް ކަނޑުގެ ސަރަޙައްދުގެ މުހިންމު ސަރވޭތަކެއް ކުރިއަށްގެންދިއުމަށް ބޭނުންކުރާނެ ބާޖެއްކަމަށެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސަރވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސަރވޭތައް ހިމެނެއެވެ.

މި ބާޖަކީ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުން، ތަނބުތައް ޖެހުމުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ ބާޖެކެވެ. އަދި ސަރވޭއަށް ބޭނުންވާ މެޝިނަރީތައް ކަނޑުމަތީގައި ގެންގުޅުމަށް ބޭނުންކުރާނެ ޕްލެޓްފޯމަކަށްވެސް މި ބާޖު ބޭނުންކުރާނެއެވެ. މި ބާޖުގައި ހެލިކޮޕްޓަރު ޖެއްސޭގޮތަށް ހެލިޕެޑްއެއްވެސް ހިމެނެއެވެ.

ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. އަދި އެއަރއެކު ބްރިޖްގެ މުހިންމު ސަރވޭގެ މަސައްކަތްތައް ފަށައިގެންދަނީ ކުރިއަށެވެ. މިހާރުވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ބްރިޖްގެ މަސައްކަތްތަކަށް ބޭނުންވާ މާލޭގެ ސައިޓާއި ގުޅީފަޅު ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ސައިޓްތައް ތައްޔާރުކުރަނީ މަސައްކަތްކުރާ މީހުން ތިބުމަށް އެކަމަޑޭޝަން ބްލޮކާއި އިދާރީ އޮފީހާއި މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓޭނެ ސަރަޙައްދުތައް ހިމެނޭހެނެވެ.

މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ނިމޭނީ ގިރާވަރު ފަޅާހަމައިންކަމަށެވެ. ރައީސް އިޢުލާންކުރެއްވީ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށެވެ. އަދި މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅޭލެވޭނެކަމަށެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ ގުޅީފަޅާއި ތިލަފުށީ ސިނާޢީ ހަބުތަކަށް ބަދަލުވަމުން އަންނައިރު، މި ސަރަޙައްދަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް އެހީވުމެވެ. އަދި ގުޅީފަޅުގައި މީހުން އާބާދު ކުރައްވާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.