ޚަބަރު

"މަށިކޮޅު" މަދަޙަ އަލްބަމް ޕީއެސްއެމްއަށް ހަދިޔާކޮށްފި


އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ މަދަޙަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފިއެވެ.

"މަށިކޮޅު"ގެ ނަމުގައި ހަދާފައިވާ މި މަދަޙަ އަލްބަމަކީ އަބްދުﷲ ރަޝީދުގެ ތައްޔާރުކޮށްފައިވާ އޭނާގެ އަމިއްލަ އުފެއްދުމެކެވެ. މި އަލްބަމްގައި 7 މަދަޙަ ހިމެނޭއިރު، މި މަދަޙަތައް ހަދާފައިވަނީ އަބްދުﷲ އަމިއްލައަށެެވެ. އަދި މަދަޙަތަކުގެ ރާގަކީވެސް، އަބްދުﷲގެ އަމިއްލަ ރާގުތަކެކެވެ.

މަދަޙަ އަލްބަމް ހަދިޔާ ކުރުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމްގެ ފަރާތުން އަލްބަމާއި ހަވާލުވެވަޑައިގެންނެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދެވެ.

މަށިކޮޅު މަދަޙަ އަލްބަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ މަދަޙަތަކުގެ މައިގަނޑު މައުޟޫއު ބިނާވެފައިވަނީ، އިންސާނުން އުފަންވެގެން އަންނަ ހިސާބާއި ގުޅޭގޮތުން ކަމަށެވެ. އަދި އޭނާގެ މިމަދަޙަ އަލްބަމް ޕީއެސްއެމްއަށް ހަދިޔާކުރުމަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް މި މަދަޙަތައް ފޯރުކޮށްދިނުމަށް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

" މަދަޙަ އަލްބަމް ހަދަނީ މީސްތަކުންނަށް ފޯރުކޮށްދިނުމަށް، އެގޮތަށް ބަލާއިރު، ޕީއެސްއެމް މެދުވެރިކޮށް ގިނަ ބަޔަކަށް މަދަޙަތައް ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލުކުރަން،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވަނީ މީގެކުރިން އުއްމަތުގެ ނަމުގައިވެސް މަދަޙަ އަލްބަމެއް ނެރެފައެވެ. އަދި ތަފާތު އެކި މުނާސަބަތުތަކާއި ގުޅުވައިގެން މަދަޙަތައް ވަނީ ނެރެފައެވެ.

ޕީއެސްއެމްގެ ދަށުން ގިނަ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކެއް ހިންގާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މަށިކޮޅު މަދަޙަ އަލްބަމްގެ މަދަަޙަތައް ގެނެސްދޭނެ ކަމަށް ޕީއެސްއެމްގެ ޗީފު ކޮންޓެންޓު އޮފިސަރ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

" 7 މަދަޙަ އަމިއްލައަށް ތައްޔާރުކޮށްފައި، ހަދިޔާ ކުރައްވަން ޕީއެސްއެމް ޚިޔާރުކުރެއްވިކަން އެއީ ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲގެ ބުރަ މަސައްކަތުން ނެރެފައިވާ މަދަޙަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފައިވާތީ ޕީއެސްއެމުންވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.