ވިޔަފާރި

2015 ނިމުނު އިރު ރާއްޖޭގެ ފަތުރުވެރިކަމަށް %2.4ގެ ކުރިއެރުމެއް


ހުސްވި ޑިސެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %15 އިތުރުވެ، އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް %2.4ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން 2015 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 2.4 އިންސައްތަ އިތުރު އަދަދެކެވެ.

2015 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޖުމްލަ  119000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާ ބަހާއިރު %15 އިތުރު އަދަދެކެވެ.

2015 ޑިސެމްބަރު މަހު، ދުނިޔޭގެ ހުރިހާ ސަރަޙައްދަކުންވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް އައިސްފައިވާއިރު އެމަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %53.7 ޙިއްސާއާއިއެކު ޔޫރަޕުންނެވެ. އަދި ޔޫރަޕުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދު 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި އަޅާބަލާއިރު %22.8 އިތުރުވެފައިވެއެވެ.

2015 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ، އެއަަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ %29.1 ހިއްސާއަކާއިއެކު ޗައިނާ އާއި، %8.5 ގެ ހިއްސާއަކާއެކު ޖަރުމަންވިލާތް އަދި %7.5 ގެ ހިއްސާއަކާއިއެކު އިނގިރޭސިވިލާތެވެ.