ޚަބަރު

މަޝްވަރާއަށް ޖާގަދިނުމަށް ޔަމަނަށް ޙަމަލާދިނުން ސަޢުދީން މެދުކަނޑާލަނީ


ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރުމަށް ޖާގަދިނުމަށް ޔަމަނަށް ދެމުންދާ ޙަމަލާތައް މެދުކަނޑާލަން ސަޢުދީ ޢަރަބިއްޔާއިން ނިންމައިފިއެވެ.

އދން މެދުވެރިއެއްގެ ދަޢުރުއަދާކޮށްގެން ބާއްވައި މަޝްވަރާތަކުގައި ޔަމަނުގެ ވަފުދާއެކު ސަޢުދީ ޢަރަބިއްޔާއިން ބައިވެރިވާނެއެވެ. އެ މަޝްވަރާތަކަށް ޖާގަދިނުމަށް ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުންވެސްވަނީ ތިން ދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އދންވަނީ ރަމަޟާން މަހާ ދިމާކޮށް ދެ ފަރާތުންވެސް ޙަމަލާބަދަލުކުރުން ހުއްޓާލައި ދިގުލައިގެން ގޮސްފައިވާ ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް މަޝްވަރާކުރަން ދެ ފަރާތަށްވެސް ގޮވާލައިފައެވެ. އދންވަނީ ޙަމަލާބަދަލުކުރުން ހުއްޓާލުމުން ޔަމަނުގެ މައްސަލަތަކަށް ސިޔާސީ ޙައްލެއް ހޯދިދާނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ބުނެފައެވެ. އަދި ހަނގުރާމަކުރުން ހުއްޓާލައި ޔަމަނުގައި ޙާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް އދންވަނީ ގޮވާލައިފައެވެ.

ޔަމަނުގައި ދާޢިމީ ޞުލްހައެއް ޤާއިމުކުރުމަށް މިދިޔަ އަހަރުން ފެށިގެން އދއާއި އެމެރިކާއިން ކުރަމުންދިޔަ މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ގޮތުން އީރާނުގެ މަދަދާއެކު ހަނގުރާމަކުރަމުންދާ ޚޫޘީންނާއި ސަޢުދީ ޢަރަބިއްޔާއިންވަނީ ދޫދިނުމަށް ދެކޮޅުހަދައިފައެވެ. އަދި މަޝްވަރައިގެ ބައްދަލުވުން ސަޢުދީ ޢަރަބިއްޔާގައި ބާއްވަން ހަމަޖެއްސުމުން ޚޫޘީންވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދެކޮޅުހަދައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ސަޢުދީ ޢަރަބިއްޔާއިން ތާޢީދުކުރާ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ.