ޚަބަރު

އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާއެއް


އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް އަނެއްކާވެސް ނުރައްކާތެރި ބަޑީގެ ޙަމަލާއެއްދީފިއެވެ.

އިސްރާއީލުގެ ނޭޝަނަލް އެންބިޔުލާންސް ސާވިސުން ބުނެފައިވަނީ އެ ޤައުމުގެ ވެރިރަށް ތަލް އަބީބުގައި ހާތިޔާރުއެޅި ޢަރަބި ހަނގުރާމަވެރިއަކު ދިން ބަޑީގެ ނުރައްކާތެރި ޙަމަލާއެއްގައި ޔަހޫދީންގެ ފަސް މީހުން މަރުވެފައިވާކަމަށެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ރައްދުގައި ދިން ޙަމަލާގައި ހަނގުރާމަވެރިޔާ މަރުވެފައިވާކަމަށްވެސް އެ ޚިދުމަތުން ބުނެފައިވެއެވެ.

ގިނަ ޢަދަދެއްގެ ހަރުކަށި ޔަހޫދީން ދިރިއުޅޭ ތަލް އަބީބުގެ އިޤްތިޞާދީ މައި ސަރަޙައްދުގައި ދިން ނުރައްކާތެރި ބަޑީގެ ޙަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަފުތާލީ ބެނެޓު ވިދާޅުވެފައިވަނީ ޢަރަބިންގެ އަނިޔާވެރިކަން ޙައްދުފަހަނައަޅާފައިވާކަމަށާއި ރައްދުގައި އިސްރާއީލުގެ ފައުޖުތަކުން ޙަމަލާދޭނެކަމަށެވެ. އޭގެ އިރުކޮޅެއްފަހުން ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިލައިފައެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ ބައެއް ޢާއްމުންވަނީ ޒަޚަމުވެފައެވެ.

ހުޅަނގުގެ ތާޢީދު ލިބިފައިވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ބަޑީގެ ޙަމަލާތައް ކުށްވެރިކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީންނާއި ޢަރަބިންނާ ދެކޮޅަށް ދެމުންދާ އެފަދަ ޙަމަލާތަކުގެ ސަބަބުން ޙާލަތު އިތުރަށް ގޯސްވެ ޞުލްޙައަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެއެވެ.

ތަލް އަބީބުގެ މުޙިއްމު ސަރަޙައްދެއްގައި ދިން ބަޑީގެ ޙަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ދީފައިވާ އެފަދަ ޙަމަލާއެއްގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލާފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ އެކި ސަރަޙައްދުގައި ދީފައިވާ ޙަމަލާތަކުގައި 11 ޔަހޫދީން މަރުވެފައިވެއެވެ. ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރުވެފައިވަނީ ފަލަސްޠީނުގެ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ޔަހޫދީންގެ އަނިޔާވެރި ޢަމަލުތައް ޙައްދުފަހަނައަޅާފައިވާ ދަނޑިވަޅެއްގައެވެ.