ކުޅިވަރު

މިސްރު ބަލިކޮށް ސެނެގާލް ވޯލްޑް ކަޕަށް


ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ސެނެގާލް ޖާގަހޯދައިފިއެވެ.

މިމުބާރާތުން ސެނެގާލް ޖާގަހޯދީ އެފްރިކާ ސަރަހައްދުގެ ކޮލިފައިން ޕްލޭ އޮފްގައި މިސްރާއި ވާދަކޮށް ކުޅުނު ދެމެޗް އެއްލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖައަކުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗު 1-0 ގެ ނަތީޖާއަކުން މިސްރު ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް ނިމުނީ 1-0 ގެ ނަތީޖާއަކުން ސެނެގާލް މެޗު ކާމިޔާބުކޮށްގެންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިތުރު ވަގުތުގެ ދެހާފް ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭށެވެ. ޕެނަލްޓީގައި ސެނެގާލުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު މެޗުގައި ސެނެގާލްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 4 ވަނަ މިނެޓްގައި ޖަހާދިނީ ބޮއުލާޔޭ ޑިއާއެވެ. މިމެޗުގައި ސެނެގާލްއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު މިސްރު ބޮޑަށް ފެނިގެންދިޔައީ ދިފާއަށް އިސްކަންދީ ލިބޭ ފުރުސަތު ތަކުގައި ކުރިއަށް ޖެހިގެން ކުޅުމަށް އިސްކަންދީގެން ކުޅުނު ތަނެވެ. ޕެނަލްޓީގައި ސެނެގާލްގެ ފުރަތަމަ ޕެނަލްޓީ ކަލީޑޫ ކޯލީބާލީ އަތުން ނާކާމިޔާބުވީއިރު މިސްރުގެ މުހަންމަދު ސަލާހް ޖެހި ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

ޕެނަލްޓީގައި ސެނެގާލްގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިދިޔަ މަހު ނިމިގެންދިޔަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލްއަށް ހޯދާދިނުމުގައި އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިން ސާޑިއޯ މާނޭއެވެ. މިއީ ވަރަށް ގާތްގާތުގައި މުހިންމު ދެމެޗަކުން ސެނެގާލްއަތުން މިސްރު ބަލިވި ދެވަނަ ފަހަރެވެ.