ޚަބަރު

ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުން: ޢިމްރާން


ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއް ކަމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމަށެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު ކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށެވެ. އަދި ހަމައެގޮތަށް ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއްކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާޚިލިއްޔާއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ޚިދުމަތްކަމަށެވެ.

އަދި އަތޮޅު ތެރޭގައި ފުލުހުން ޚިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަމަށާއި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި ގަދަ ކަނޑުގައި ފުލުހުން އުފުލާ ތަކުލީފުތަކަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފާއިތުވި ތިން އަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހެދުމަށް މަސައްކަތްކުރުމަށްކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާއެއްގޮތަށް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުމަށްޓަކައި، ދިވެހި ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހާޞިލްކުރަމުން ގެންދާ ކުރިއެރުންތަކާއި ނަތީޖާ ތަކަކީ ފަހުގެ ތާރީޚެއްގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީތަކެއްކަމަށެވެ. އެގޮތުން ފާއިތުވި ތިން އަހަރަކީ ކާމިޔާބު އަހަރުތަކަކަށް ހެދުމަށް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކޮށްފައިވާ ބޮޑެތި އަދި ބުރަ މަސައްކަތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކޮށްފައިވާ މަސައްކަތްތަކެއްކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި ގުޅިފައިވާ ކޮންމެ ކަމެއްގައި މިއަދު ފުލުހުންގެ ދައުރެއް ވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދު ރާއްޖޭގައި ހޭދަވާ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުވެ މުޢާމަލާތްކުރެވެމުންދާކަމަށާއި އެއީ ރައްޔިތަކަށް ކުރިމަތިވެފައިވާ ނުރައްކަލެއް ނައްތާލުމަށް ނުވަތަ މައްސަލައެއް ހައްލުކޮށްދިނުމަށް ނުވަތަ ގާނޫނުން ލިއްބައިދޭ ރައްކާތެރިކަމެއް ހޯދައިދިނުމަށް ފުލުހުން ރައްޔިތުންނާ ބައްދަލުކުރާ ނިސްބަތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ބަދަލުކުރުމުގައި ޓެކްނޮލޮޖީގެ އަލީގައި ފުލުހުންގެ މަސައްކަތްތައް ތަރައްޤީކުރުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވިއެވެ. އެގޮތުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާކަމަށާއި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން، ފުލުހުންނާއި ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ލިބުން އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް މަދުވެ، އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ކުރެވޭ ހާލަތުގައި އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގައި އެހީތެރިވެދޭނެކަމަށާއި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް އަދި ރައްޔިތުންގެ މަންދޫބުންނަށް ޖަވާބުދާރީ ވާގޮތަށް ފޯރުކޮށްދެވޭ ޚިދުމަތެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާއި މެޑަލް ދީފައިވެއެވެ. އެ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ ކުލަ ލިބިލެއްވި ފުލުހުންނަކީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުޠަބާ ޢަބްދުއް ސައްތާރު، އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒްއެވެ.

މިރަސްމިއްޔާތުގައި، ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ އާންމު ފަރާތްތަކާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށްހަނދާނީ ފިލާ އަދި ހަނދާނީ ރަންފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ 12 ފަރާތަކަށް ހަނދާނީ ފިލާ އަދި 14 ފަރާތަކަށް ހަނދާނީ ރަންފިލާ ދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ. އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ.