ޚަބަރު

ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 10:30ގައި


އަންނަ ރަމަޟާންމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00އާ ހަމައަށްކަމަށް ކަނޑައަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީ ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ނަމާދުގެ ރޯދައަށް އިިތުރު ބަދަލުތަކާއިއެކު ތައްޔާރުކުރެވިފައިވާކަމަށެވެ.