ޚަބަރު

ފުލުހުންގެ ޚިދުމަތް ހޯދޭނެ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި


ދިވެހި ފުލުހުންގެ ޚިދުމަތް މޯބައިލް ފޯނުން ލިބޭނެގޮތަށް މޯބައިލް އެޕްލިކޭޝަނެއް އިފްތިތާހުކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މި އެޕްލިކޭޝަނަކީ، އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން، މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި، އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި، މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި، ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ

ހަމައެއާއެކު، މި އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކުރުން


ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެއްދުވަހުން އަނެއްދުވަހަށް ދުނިޔެ ބަދަލުވަމުން ދަނީ ޓެކްނޮލޮޖީގެ އާ މަރުޙަލާ އަކަށްކަމަށާއި، ޓެކްނޮލޮޖީގެ ފަސޭހަތައް ފުލުހުންނަށް ފަހިވުމަކީ ކޮންމެހެން ލާޒިމްކަމެއްކަމަށެވެ.

"ޚިދުމަތް ދިނުމާ، ޚިދުމަތް ލިބިގަތުމުގައި އަދުގެ ޒަމާން ބަރޯސާވާން ޖެހިފައިވަނީ ޓެކްނޮލޮޖީ އަށް. މިރޭ މިތަޢާރަފް ކުރެވުނު ޕޮލިސް އެޕްލިކޭޝަނަކީ މިމަގުން ކުރިއަށް އެޅި ފިޔަވަޅެއް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި، ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށެވެ.