ޚަބަރު

ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލެއް ފުލުހުންގެ ޚިދުމަތަށް ގެނެވިއްޖެ: ރައީސް


ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ގެނެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ އަވަށްޓެރި ފުލުހުންގެ ޚިދުމަތް ތަޢާރަފްކުރުންކަމަށެވެ. އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭގޮތަށް މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށިފައިވުމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭ، ކައުންސިލް ތަކާ ގުޅިގެން ލާމަރުކަޒީ ހަމަތަކުން ހިންގޭ ޒަމާނީ ޕޮލިސިން ޚިދުމަތެއްކަމަށެވެ.

ރައީސް ވިދާޅުވީ ފުލުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑުބަދަލުގެ ހަގީގީ ސަބަބަކީ އަލަށް ޢަމަލު ކުރަން ފެށި ފުލުހުންގެ ގާނޫނުކަމަށެވެ. މި ޤާނޫނާއެކު އެމުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވަރުކުރެވުނުކަމަށެވެ.

"ފުލުހުންގެ މުއައްސަސާއަކީ އެންމެ މީހެއް ނޫން. ފުލުހުންގެ ގާނޫނާ އެއްގޮތަށް އެ މުއައްސަސާ ރިފޯމްކޮށް އޭގެ ޒާތުގައި އަމިއްލައަށް ބައްޓަންވެ ހެދި ބޮޑުވެ ޒަމާނީވުން ނޫން އެހެން ދަނޑިމާރެއް ނޭޅޭނެ. އެއީ އެކަން ހިނގަންޖެހޭ ތަބީއަތުގެ މަގު. ފުލުހުންގެ ގާނޫނުގެ ރޫޙަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު މުޅި މުއައްސަސާގެ ޤާބިލްކަން އިތުރުވެ، ކުރިއަރާ ދިއުން. ކުރިއެރުމަށްޓަކާ ފުރަތަމަ ކުރި އަރަންޖެހެނީ ނަފްސު. ކުރި އަރަންޖެހެނީ ކަންކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުން. ކުރި އަރަންޖެހެނީ ހުނަރާ ތަޢުލީމާ ތަމްރީނާ އަދި ވަކިން ޚާއްޞަކޮށް ހެޔޮ ޚުލްގު."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުން ބިނާ ކުރުމަށްޓަކާ ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯރސްމެންޓަކީ، އެކި ސަރުކާރުތަކުން ކުރިބުރަ މަސައްކަތުގެ ނަތީޖާކަން ތަކުރާރުކުރައްވާ ވިދާޅުވީ އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާ ރައްކާތެރިކަމާ ގައުމީ މަޞްލަޙަތު ދިފާޢު ކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާކަމަށެވެ. އެއީ ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ފުލުހުންގެ ލީޑަރޝިޕުގައި އަންހެނުން ނެތުމުގެ ފަޅުކަން އޮތްކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މުޖުތަމަޢުގެ ކަންކަމާ މުއާމަލާތުކޮށް ހައްލު ހޯދައިދޭ އެއް ފަރާތަކީ ފުލުހުން ކަމަށްވާއިރު، މުޖުތަމަޢުގެ އިހްސާސް ދެނެގަތުމުގައި އަންހެނުންގެ ރޯލް ބޮޑުކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ތެރޭގައި އެކަމަށް ސަމާލުކަން ދެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

"89 އަހަރުވިޔަސް ހަޤީޤަތުގައި ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގަ. ހާއްސަކޮށް ތިބޭފުޅުންގެ ބެރެކްސްތަކާ މަސައްކަތްކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން އޭގެ ގާތަކަށްވެސް ފުރިހަމަވެފައެއް ނެތް. ލިބޭ ހުނަރާ ތަމްރީނާ އެކުއެކީ ފުލުހުންނަށް ބޭނުންވާ އުޅަނދު ފަހަރާ ، ވެހިކަލް ތަކާ އެހެނިހެން ވަޞީލަތްތަށް ވެސް މުހިންމު."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ސަލާމަތީ ޚިދުމަތް ތަކުގައި ދަތިކަން އޮންނަ މިންވަރު ފާހަގަކުރެވޭކަމަށް ވިދާޅުވެ، އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. ޚާއްޞަކޮށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށޭނެކަމަށެވެ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އުމްރާނީ ވަޞީލަތާ އެކު ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަޞީލަތް އިތުރުވަމުން އަންނަކަމަށާއި، މިއީ ރައްކާތެރި އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ފުލުހުންގެ ހުނަރާ ޤާބިލްކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭ ކަންތައް ތަކެއް އެބަހުރި. މި ސަރުކާރު ބިނާވެގެން އައީ އިންސާފް ޤާއިމްކޮށްދިނުމުގެ ވަޢުދާއެކު. އިންސާފް ޤާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަހްޤީޤް. ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ފުރިހަމަ ތަހްޤީޤަކުން މެނުވީ އިންސާފަކަށް ވާސިލެއް ނުވެވޭނެ. މިކަމުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބެއްދުން ކޮންމެހެން މުހިންމު. ވަކިން ޚާއްޞަކޮށް ޒަމާނީ ތަހްޤީޤީ ހުނަރު ލިބިފައިވާ އޮފިސަރުން އުފައްދަންޖެހޭ. މިހާރަކީ އިޢުތިރާފަށްވުރެ ބޮޑަށް ހެތްކާ ޤަރީނާގެ މައްޗަށް ބުރަވެ އިންސާފު ޤާއިމު ކުރެވޭ ޒަމާން. ބޭނުންވާ އިންސާނީ ވަސީލަތާ، ހުނަރާ، ޤާބިލްކަމާ، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން."


ފުލުހުން އަލަށް ބޭނުންކުރަން ފެށި ބޮޑީ ކެމެރާ އަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވަނީ ފުލުހުންނާ މުޢާމަލާތު ކުރުމުގައި ކުށެއް ކުރާނަމަ އެކުށްކުރި މީހާގެ ކުށް ސާބިތު ކުރުމަށްވެސް ބޮޑީ ކެމެރާ މުހިންމުކަމަށް ވިދާޅުވެފައެވެ. އެކަމުގެ ހަޤީޤީ ބޭނުމަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތް ތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަކަށް އަދިވެސް ޙައްލެއް ނުލިބޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކި ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އައި އެ ޕްރޮޖެކްޓް މިހާރު ހިންގަން ފަށާފައިވާކަމަށް ހާމަކުރައްވާ ރައީސް ވިދާޅުވީ އަމާޒަކީ އެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުންކަމަށެވެ.