ޚަބަރު

ހިލޭ ޑިގްރީ ސްކީމް ދިރާސާކުރަނީ


ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމާ ގުޅޭ ދިރާސާއެއް ހެދުމަށް ނިންމާ އެ މަސައްކަތް ކޮންސަލްޓެންޓަކާ ހަވާލުކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ދިރާސާ ހަދަނީ ދެ މަޤްސަދެއްގެ ބޭނުމުގައެވެ. މި ދިރާސާ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމެވެ. މީގެއިތުރުން ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފު ކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުންވެސް މި ދިރާސާ ގައި ހިމެނެއެވެ.

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ވަޢުދެކެވެ. ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު މި ސްކީމް ތައާރަފުކުރައްވާ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ވަނީ ހިލޭ ޑިގްރީއަށް ކިޔަވާދޭން ފައްޓާފައެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 2127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ. އަދި މިހާތަނަށް 13,911 ދަރިވަރަކަށް އެ ފުރުޞަތު ދީފައިވާއިރު އޭގެ ތެރޭގައި 2019 ވަނަ އަހަރު 4804 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމަށްޓަކައި ފުރުޞަތު ދީފައިވެއެވެ. އަދި 2020 ވަނަ އަހަރު 4818 ދަރިވަރަކަށާއި 2021 ވަނަ އަހަރުގައި 3301 ދަރިވަރަކަށް ވަނީ އެ ފުރުޞަތު ފަހިކޮށްދީފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަން ރައީސް ވިދާޅުވިއެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން، ސަރުކާރުން ދަނީ މަތީ ތައުލީމު ހާސިލުކުރަން ލޯނުވެސް ހަމަޖައްސައިދެއްވަމުނެވެ. މިގޮތުން މިއަހަރުވެސް ވަނީ ލޯނުގެ 720 ފުރުޞަތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.