ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު އަންނަ މަހު 7 ވަނަ ދުވަހު ފަށަނީ


އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ.

އެފްއޭއެމުން އިއްޔެ އިއުލާންކުރި ލީގުގެ ދެވަނަ ބުރުގެ ޝެޑިއުލްގައިވާގޮތުން މާޒިޔާ އާއި އީގަލްސް ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރެޔެވެ.

ލީގުގެ ދެވަނަ ބުރު ފަށާނީ ރަމަޟާން މަހުގައި ކަމުން މެޗުތައް ފަށާނީ ރޭގަނޑު 22:00 ގައެވެ. ފުރަތަމަ މެޗު ހަފްތާގައި އޮތީ މާޒިޔާ އާއި އީގަލްސްގެ މެޗުގެ އިތުރުން ކުލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބުގެ މެޗާއި، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެޗު އަދި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗެވެ.

އެއަށްފަހު އޭއެފްސީ ކަޕު ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ވެލެންސިއާ އިން މާލޭގައި ބޫޓާންގެ ލީގު ޗެމްޕިއަން ޕާރޯ އެފްސީ އާއި ކުޅޭނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ރެޔެވެ.

އެ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ އޭޕްރީލް 19 ވަނަ ދުވަހު ބަންގްލަދޭޝްގައި، އެ ގައުމުގެ ޑާކާ އަބަހާނީއާ ކުޅެން ޖެހޭނެއެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރަށް ވެލެންސިއާ ދަތުރުކޮށްފިނަމަ ވެލެންސިއާ އިން ދިވެހި ޕްރިމިއާ ލީގުގައި އޭޕްރީލް 17 ވަނަ ދުވަހު މާޒިޔާއާ ކުޅެން ޖެހޭ މެޗު ފަސްކުރަން ޖެހޭނެއެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު މެޗަކުން ބަލިނުވެ މާޒިޔާއިން އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. މާޒިޔާއަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ވެލެންސިއާއަށް 12 ޕޮއިންޓް ވަނީ ލިބިފައެވެ.