ޚަބަރު

ފުލުހުންގެ ޚިދުމަތުގެ 89 އަހަރަކީ ގޮންޖެހުމާއި ކާމިޔާބާއި ޚިދުމަތުގެ މާޒީއެއް


ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު އެއް މުއައްސަސާއެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތަށް މިއަހަރު 89 އަހަރު ފުރޭ މުނާސަބާއާ ކުރިމަތިލާއިރު ފުލުހުންގެ މުޢައްސަސާ ހިންގުމަށް ވަނީ މުޅިން އައު ޤާނޫނެއް ތަސްދީޤްކޮށް، ތަންފީޒުކުރަން ފަށާފައެވެ.

ޤާނޫނާއެކު ފުލުހުންނަށް ބޮޑެތި ބާރުތަކެއް!

ފުލުހުންގެ މަސައްކަތުގައި 89 އަހަރު ފާއިތުވެފައިވާއިރު، އައު ގާނޫނާއި، އައު ވިސްނުންތަކާއި، އައު އަޒުމާ އަދި އައު ފަލްސަފާއާއެކު އަންނަ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެކެވެ. އައު ޤާނޫނުގެ ތެރެއިން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތައް ބޮޑެވެ. ޒިންމާތަކާއި މަސްއޫލިއްޔަތާއި، ޖަވާބުދާރީ ކުރުމުގެ ނިޒާމުވެސް އޮތީ ޤާނޫނުން ފަހިކޮށްދީފައެވެ. ޤާނޫނުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުން ކުރުމުގެ ބާރުވަނީ ލިބިގެންގޮސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން "ޕޮލިސް ބޯޑު" ވަނީ އެކުލަވާލެވިފައެވެ. ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

މި ޤާނޫނާއެކު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުހުންނަށް ލިބޭނޭގޮތް ހެދުން ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ވަނީ ލިބިދީފައެވެ.

ޤާނޫނާއެކު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެމަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުން ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދެއެވެ.

ފުލުހުންގެ ޚިދުމަތަށް އޮތް ގޮންޖެހުންތައް:

ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން ދިއުމަށްފަހު ކަޑައްތުކުރި، ފާއިތުވެދިޔަ 13 ވަރަކަށް އަހަރަކީ ނުހަނު ހަލަބޮލިކަން ބޮޑު އަހަރުތަކެކެވެ. ރާއްޖެއަށް މަލްޓިޕާޓީ ނިޒާމުގެ ތެރެެއިން ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ޕާޓީތަކުން މަސައްކަތް ފެށި ހިސާބުން ރާއްޖޭގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އައެވެ. ހަމަ މިއާއުއެކު ފުލުހުންގެ ޒިންމާއާއި މަސްލޫިއްޔަތުތައްވެސް އިތުރުވިއެވެ.

ފުލުހުންގެ ޚިދުމަތަށް އޮތް އެންމެ ބޮޑު ގޮޖެހުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކެވެ. ވައްކަމާއި، ފޭރުމާއި، ޑްރަގުގެ މައްސަލަތަކާއި އެނޫންވެސް ހުރިހާ ބާވަތެއްގެ ކުށަކުން މުޖުތަމައު ސަލާމަތް ކުރުމަކީ ދިވެހި ފުލުހުންގެ އެންމެ ބޮޑު ޒިންމާއެވެ. މިކަންކަމުގައި އޮތް ގޮންޖެހުމަކީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި އަދި ދެވެިގެން ނުދެވުމެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމެވެ.

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތަށް!

އަންހެން ކަނބަލުން ފުލުހުންގެ ޚިދުމަތުގައި އަދާކޮށްފައިވާ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ.

އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި އަންހެން ކަނބަލަކު މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައެވެ.

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑު އޮފިސަރަކު ނުހުރެއެވެ. އަދި އަންހެން ކަނބަލަކު، ޗީފް އިންސްޕެކްޓަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ފުލުހުން ޚިދުމަތުގައި މަސައްކަތް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

މަގުމަތީގައި ފޯރިމެރުމާއި، ކުށުގެ ވެއްޓަށް ދިއުމާއި، ކުށްވެރިން ބެލެހެއްޓުމާ، އަދި ފޮރެންސިކް ތަހުލީލުތަކުގައާއި ވިލީ ފުލުސް ތަކުގެ އިންޗާޖުކަމުން ފެށިގެން ކޮމާންޑަރުންގެ ލެވެލްގައި ވެސް އަންހެން ފުލުހުންގެ ދައުރު ދުވަހެއް ދުވަހަކަށް ފާއިތިވެދިޔަ އަހަރުތަކުގައި ވަނީ ފުޅާވެގެން ގޮސްފައެވެ. 2021 މާރިޗް 9 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކު 3 އަންހެން ފުލުހަކަށް ވަނީ ލިބިފައެވެ.

ފެންނާން އޮތް ހަގީގަތަކީ، ފަހުގެ މާޒީތަކުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ ކާރިސާއެއްގައިވެސް، ގައުމީ ޚިދުމަތުގެ އެންމެ ކުރީސަފުގައި ދިވެހި ފުލުހުން ހަރަކާތްތެރި ވެފައިވާކަމެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ބެލިކަމުގައި ވިނަމަވެސް، 2016ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއަށް ބެލި ކަމުގައިވި ނަމަވެސް، އަދި މިހާރުވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގައި، ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ އެތައް ގިލަންވެރިކަމަކަށް ލުއިފަސޭހަކަން ގެނެސްދިނުމުގައި ފުލުހުން އަދާކޮށްފައިވާ ދައުރަކީ، އަގު ނުކުރެވޭނޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.