ޚަބަރު

އައިއެސް ޖަމާޢަތުން އިސްރާއީލުގައި ޙަމަލާއެއްދީފި


އިސްރާއީލުގެ އުތުރުގައި އޮންނަ ހަދީރާއަށް ދިން ބަޑީގެ ޙަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.

100،000 މީހުންގެ އާބާދީއެއް އޮންނަ ހަދީރާގައި އައިއެސްގެ ދެ ހަނގުރާމަވެރިއަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ދެ މީހުން މަރުވެ ހަތަރު މީހުން ޒަޚަމުވެފައެވެ. އެ ޙަމަލާގައި މަރުވެފައިވަނީ ޔަހޫދީންގެ ދެ ފުލުހުންނެވެ. އަދި ރައްދުގައި ޔަހޫދީން ދިން ޙަމަލާތަކުގައި އައިއެސްގެ ދެ ހަނގުރާމަވެރިންވަނީ މަރުވެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައިވެސް އައިއެސްއަށް ތާޢީދުކުރާ މީހަކުވަނީ އިސްރާއީލުގައި ޙަމަލާއެއް ދީފައެވެ. އޭނާ ވަޅިން ދިން ޙަމަލާގައި ޔަހޫދީންގެ ހަތަރު މީހުންވަނީ މަރުވެފައެވެ. އެ ފަހަރުވެސް ޙަމަލާދިން މީހާވަނީ މަރާލައިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފުތާލީ ބެނެޓުވަނީ ހަދީރާއަށް ވަޑައިގެން ޙަމަލާގެ މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. އައިއެސް ޖަމާޢަތުން އިސްރާއީލުގައި ޙަމަލާއެއް ދީފައިވަނީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ. އިސްރާއީލުގެ ދެކުނުގައި ބާއްވައި އެ ބައްދަލުވުމުގައި އެމެރިކާއާއި އިސްރާއީލާއި މިޞްރާއި ޔޫއޭއީއާއި މަޣްރިބާއި ބަޙްރައިނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމާއި އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުއާއި ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

އައިއެސް ޖަމާޢަތުން އިސްރާއީލުގައި ޙަމަލާދިނުމަކީ ޢާއްމުކަމެއް ނޫނެވެ.