ޚަބަރު

"ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސް"ގެ ނަމުގައި ވެބިނާއެއް ބާއްވައިފި


"ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސް"ގެ ނަމުގައި ސިލްސިލާ ވެބިނަރ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާ ގުޅިގެން ހިންގާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް 2021 – 2023" ގެ ދަށުން ކުރިޔަށްގެންދާ ސިލްސިލާ ލެކްޗަރތަކާއި، ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހީތެރިކަމާއެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރުރާމެކެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކާއި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރީޖަނަލް ހޮސްޕިޓަލުތައް ހިމެނޭގޮތަށް 280 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދެވި ވެބިނަރ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމެވެ.

މި ވެބިނަރ ފެސިލިޓޭޓް ކޮށްދެއްވީ ޔޫ.އެން.ޑީ.ޕީ އިން ކަނޑައެޅުއްވި ކަމާބެހޭ ދާއިރާގެ ފަންނީ މާހިރުންކަމުގައިވާ މިސް އަރްތީ ކްރިޝްނަން، ސްޓްރެޓީޖިކް އެޑްވައިޒަރ އޮން ފޯސައިޓް، ޔޫ.އެން.ޑީ.ޕީ އޭޝިޔާ އެންޑް ޕެސިފިކް އަދި މިސްޓަރ ލެއިތް ވެރެމައިޓޯ، ޑައިރެކްޓަރ، ޑިޕާޓްމަންޓް އޮފް ލޯކަލް އޮތޯރިޓީސް، މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒް، ރިޕަބްލިކް އޮފް ވަނުވާޓޫއެވެ. ވެބިނަރގެ މަޝްވަރާ ސެޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ އެންރިކޯ ގަވެގްލިއާއެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމްގެ ދަށުން ޔޫ.އެން.ޑީ.ޕީއާ ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި، ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ރޭވިފައެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 27 ޑިސެންބަރު 2021 ވަނަ ދުވަހު އިފްތިތާޚްކޮށްދެއްވާފައިވާ ޕްރޮގްރާމެކެވެ.