ޚަބަރު

އަންނަ ހުކުރު ނަމާދާއިއެކު ސަލްމާން މިސްކިތް އާއްމުކޮށް ހުޅުވާލަނީ

ރަސްމީކޮށް ނުހުޅުވިނަމަވެސް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދާއެކު ކިންގް ސަލްމާން މިސްކިތް އާއްމުކޮށް ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އާއްމުކޮށް މިސްކިތް ހުޅުވާލިނަމަވެސް ރަސްމީކޮށް މިސްކިތް ހުޅުވާނެ ވަކިތާރީހެއް އަދދި ނިންމާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ކިންގ ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށް، މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް 2020 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހަށް މި މިސްކިތް އާއްމުކޮށް ހުޅުވާލަން ނިންމި ނަމަވެސް އެކަން ހުއްޓުމަކަށް އައީ ކޯވިޑްގެ ހާލަތު މާލޭގައި ގޯސްވެ ކޭސްތައް އިތުރުވުމުންނެވެ.

މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ސައުދީހެ ހާއްސަ ވަފުދެއް ބައިވެރިވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ. އަދި މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ ކޯވިޑްހެ ހާލަތާއި ގުޅިގެން މި ވަފުދަށް ރާއްޖެ ނާދެވިގެންކަމަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރަމަޟާން މަހަށް އިސްލާމިކް މިނިސްޓްރީން ވަމުންދާ ތައްޔާރީތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އިސްލާމިކް މިިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ ވިދާޅުވީ ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ހުކުރު ކުރާނެކަމަށެވެ. އަދި އެއާއި އެކު މިސްކިތް އާއްމުކޮށް ހުޅުވާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަލްމާން މިސްކިތަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތުގައި ވަގުތީގޮތުން ކުރަންޖެހޭ ބައެއް ކަންކަންކުރުމަށް ދައުލަތުގެ ބަޖެޓުންވެސް ފައިސާ ހަމަޖެހިފައިވާކަމަށެވެ.

" މިވަގުތަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ސަރުކަރުންވަނީ 2 މިލިއަން ރުފިޔާ ހަމަޖައްސާފަ. ސަޢުދީ ސަރުކާރުން ވިދާޅުވޭ 2 މިލިއަން ޑޮލަރު އަދި އިތުރަށް މިސްކިތުގެ މަސައްކަތްކަށް ހަމަޖައްސާނެކަމަށް. އެ ފައިސާވެސް ވަރަށް އަވަހަށް ހަމަޖެހޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ އިމާރާތުގެ ފުރަތަމަ 2 ފަންގިފިލާއެވެ. އެއީ އެއަފަހަރާ 4000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ. އަދި މިސްކިތުގެ ގޯތިތެރެއާއި އެކު 9000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައެއް ވަނީ ހަދާފައެވެ. 4 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނާތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5 ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.