ކުޅިވަރު

ޖެމެއިކާ ބަލިކޮށް ކެނެޑާ 36 އަހަރަށްފަހު ވޯލްޑް ކަޕަށް


އުތުރު އެމެރިކާ ކޮލިފައިންގައި ރޭ ޖެމެއިކާ 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ކެނެޑާ އިން 36 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.

ގަތަރުގައި މިއަހަރުގެ ނޮވެމްބަރު މަހު ފަށާ ވޯލްޑްކަޕަށް ޖެމެއިކާ ކޮލިފައި މިވީ ބާކީ އެއް މެޗު އޮއްވައެވެ. އުތުރު އެމެރިކާ ކޮލިފައިންގައި އަށް ޓީމު ވާދަކުރާއިރު ވޯލްޑް ކަޕުގެ ސީދާ ޖާގަ ލިބޭނީ އެންމެ މަތިން ނިންމާ ތިން ޓީމަށެވެ. ހަތަރުވަނައަށް ދާ ޓީމު ޖެހޭނީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ވާދަކުރާށެވެ.

ރޭގެ މޮޅާއެކު އުތުރު އެމެރިކާ ސަރަހައްދުގެ އެއްވަނައިގައި ކެނެޑާ އޮތީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކުގައެވެ.

ރޭ ޖެމެއިކާ ކޮޅަށް ކެނަޑާގެ ލަނޑުތައް ޖެހީ ސީލް ލަރީން، ޓޭޖަން ބުޝާނަން، ޖޫނިއާ ހޮއިލެޓް އަދި އޭޑްރިއަން މަރިއާޕާއެވެ.

ރޭގެ މޮޅާ އެކު ކެނަޑާ އަށް ވޯލްޑް ކަޕް ޖާގަ ކަށަވަރުވިކަން ޔަގީންވުމުން މެޗު ބަލަން ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑަށް ވަދެތިބި 30،000 ސަޕޯޓަރުންގެ ތެރެއިން ކެނަޑާގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ކެނަޑާއާ ހަވާލުވެހުރި އިނގިރޭސި ކޯޗު ޖޯން ހާޑްމަން އަކީ އެ ގައުމުގެ ކުރީގެ އަންހެން ޓީމުގެ ކޯޗެވެ. އޭނާ ކެނަަޑާގެ ފިރިހެން ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. ރޭގެ މެޗަށް ފަހު ހާޑްމަން ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ކެނަޑާ އަކީ ފުޓްބޯޅަ ގައުމެއްކަން ސާބިތުވާނެ ކަމުގެ ހެއްކެއް ކަމަށެވެ.