ޚަބަރު

މީދޫގައި ސަރުކާރުން ތަރައްޤީކުރި ޒަމާނީ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި


އައްޑޫ ސިޓީ މީދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ބަނދަރު ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުޅުދޫ މީދޫއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މީދޫ ބަނދަރު ހުޅުވުމަށްފަހު ވަނީ ކައުންސިލާ ހަވާލުކުރައްވާފައެވެ. މީދޫގައި ސަރުކާރުން ތަރައްޤީކުރި ބަނދަރަކީ އެންމެ ޒަމާނީ ފެންވަރަށް ޖާގަ ތަނަވަސްކޮށް ތަރައްޤީކުރި ބަނދަރެކެވެ. މިސަރުކާރުން އެންމެ ފުރަތަމަ ތަރައްޤީކުރި ބަނދަރުތަކުގެ ތެރޭގައި ހިމެނޭ މި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި މި ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިހާރު ފެންނަ ތަރައްޤީގެ ޔަޤީންކަމަކީ ރާއްޖޭގައި ތަރައްޤީގެ މަސައްކަތް ކުރިއަށް ނުދާ އެންމެ ރަށެއްވެސް ނެތްކަމެވެ. 103 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރަމުންދާއިރު 3 އަހަރު ތެރޭގައި 98 މަޝްރޫޢެއް ނިންމާފައިވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އެއީ 3.5 ބިލިއަން ރުފިޔާގެ މަސައްކަތްކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަގު 6 ބިލިއަނަށް އަރާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.


އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 3 އެއަރޕޯޓެއްގެ މަސައްކަތާއި، 3 ކޯޒްވޭއާއި، 43 ބަނދަރުގެ މަސައްކަތާއި 7 ޕޯޓާއި، 33 ބަނދަރުގެ މަސައްކަތާއި 7 މަގު ހެގުމާއި ފެނާއި ނަރުދަމާގެ 1 މަޝްރޫޢު ކުރިއަށްދާކަމަށެވެ.

"ވަރުބަލިކަމެެއް ނެތި ރައީސްގެ ހުރިހާ ވަޢުދެއް ރައީސްގެ ދައުރުގެ ތެރޭގައި ނިންމައިދޭނަން. ފާހަގަކުރެވިގެން މިދަނީ އާއިލާއެއްގެ ވަރުގަދަކަން މުހިންމުކަން. ރައީސްއާއި ރައީސް އެކުގައި މަސައްކަތްކުރައްވާތަން ފެނިގެންދޭ. ރައީސް ވިދާޅުވި ކޮންމެ ރަށެއްގައި ބަނދަރުގައި މީހުން އަރާ ފޭބުމުގަިއ ތިބެން ހިޔާ ހުންނަންޖެހޭކަމަށް. އިރާދަކުރެއްވިއްޔާ ރައީސްގެ ދައުރު ނިމެންވާއިރަށް 180 ރަށުގައި ހިޔާ އަޅާ ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

މި ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫގެ ތާރީޚްގައި އެންމެ ގިނަ މަޝްރޫޢު ހިންގެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށެވެ.

"އެއްވެސް ރައްޔިތެއް ތަފާތުކުރުމެއް ނެތި އާބާދީ ބޮޑުތޯ ކުޑަތޯ ބެލުމެއް ނެތި ރައީސް އެ ގެންދަވަނީ ހުރިހާކަމެއް ކޮށްދެއްވަމުން. ހަޤީގަތަކީ އެއީ އިންސާފަކީ އެއީ ހަގީގަތަކީ."ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

މީދޫގައި ތަރައްޤީކުރި ބަނދަރަކީ ނެރު ފުންކޮށް ބަނދަރު ފުންކޮށް 115 މީޓަރުގެ ބޭރުތޮށި ޖަހައި 496 މީޓަރުގެ އެއްގަމު ތޮއްޓެއް ޤާއިމްކޮށްފައެވެ. އަދި ބަނދަރުގެ ރޭމްޕު ހަދައި އެއްގަމު ތޮށި ވަށައިގެން ޕޭމަންޓް ހަދައި ފެން ހިންދޭނެ ނިޒާމް ޤާއިމްކޮށް ނެތުބައްތި ޖަހައި މޫރިން ބޮއި ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން ބޭރުތޮށީގައި ސޭންޑް ފިލް ބްރޭކްވޯޓާއެއް ޤާއިމްކޮށް ލައިޓް ހަރުކޮށްފައިވެއެވެ.