ޚަބަރު

މިނިސްޓަރ މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ސުވާލު ކުރިއަށް ނުގެންދެވުނު


މިއަދު މަޖިލީހުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ސުވާލު ކުރުމަށް އޮތް ފުރުސަތުގައި މިނިސްޓަރ މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ސުވާލު ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްއާއި ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ.

ސައީދު ހުށަހެޅުއްވި ސުވާލަކީ ލ.ކުނަހަންދޫގައި މިއަހަރު ފުޓްސެލް ދަނޑަކާއި އައުޓްޑޯ ޖިމެއް ޤާއިމު ކޮށްދެއްވާނެކަމަށް މިދިޔަ އަހަރު މިނިސްޓަރ ވަނީ ވިދާޅުވެފައިކަމަށާއި، މި މަސައްކަތް ބަޔަކާ ޙަވާލުކުރެވޭނީ ކޮން އިރަކުންތޯ އާއި، މިކަންކަން ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާނަމަ އޭގެ ތަފްޞީލަކީ ކޮބައިތޯ އޮޅުންފިލުވުމަށެވެ.

ވަޒީރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ސުވާލު މަޖިލީހުގައި ނުކުރެވުނު ނަމަވެސް، ވަޒީރުގެ ހާލުކޮޅު ރަނގަޅުވުމުން މިސުވާލު މަޖިލީހުގައި އެޖެންޑާކޮށް ކުރިއަށް ގެންދަވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ ވަޒީރަކާއި ސުވާލު ކުރެއްވުމަށް ލިބޭ ފުރުސަތުގައި ސުވާލު ކުރައްވަން އޮތް ވަޒީރަކަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ނަމަވެސް ސުވާލު ކުރަން ލިބޭ ފުރުސަތުގައި ސުވާލު ކުރާ މެމްބަރު ހާޒިރު ނުވެއްޖެނަމަ އެފުރުސަތު ފަހުން ލިބޭނެ ގޮތަކަށް މަޖިލިސް ގަވާއިދުގައި ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.