ކުޅިވަރު

ރާއްޖޭގައިި އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތެއް ބާއްވަނީ


އަންނަ ޖުލައި މަހު ރާއްޖޭގައި އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ ބޮޑީބޯޑަރުންނަށް އޮތް އުފާވެރި ހަބަރަކީ މިއަހަރު އައިބީސީގެ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މިހާރު އައިބީސީގެ ކަލަންޑަރަށް ލެވިފައިވާކަން ކަމަށެވެ. އަދި މިއަހަރު އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައިބީސީ ކަލަންޑަރަށް ބަލާއިރު، މިއަހަރުގެ ޖުލައި 29 އިން އޮގަސްޓް 7 ވަނަ ދުވަހަށް ކުރިއަށް ގެންދިޔުމަށް ޝެޑިއުލްކޮށްފައިވާ އައިބީސީ މޯލްޑިވްސް ބޮޑީބޯޑް ޕްރޯ އަކީ 70،000 ޑޮލަރުގެ މުބާރާތެކެވެ.

އައިބީސީގެ ކަލަންޑަރުގައި މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ޝެޑިއުލްކޮށްފައިވީ ނަމަވެސް އެއްކޮށް ހުރިހާ ކަމެއް ފައިނަލް ވާނީ ރާއްޖޭން ކުރަންޖެހޭ މަސައްކަތް ފުރިހަމަ ވުމުންނެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތަކީ 2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަން އެވެ. އައިބީސީ ޕްރޯ މުބާރާތް ރާއްޖޭގައި ބޭއްވިއްޖެނަމަ އެ މުބާރާތް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހޯސްޓްކުރެވޭ އެންމެ މަތީ ފެންވަރުގެ ބޮޑީބޯޑިން އިވެންޓަށެވެ.