ދީން

ފުވައްމުލަކުގައި ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ


ފުވައްމުލަކުގެ ބައެއް މިސްކިތްތަކުގައި މާދަމާ ހުކުރު ކުރާނެ އިމާމުން ކައުންސިލްތަކުން ހަމަޖައްސާފައިނުވާތީ  އިމާމުންނާއި ވާހަކަ ދައްކަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓަރުގެ ނައިބު އިބްރާހީމް އަޙްމަދު ވިދާޅުވީ ފުވައްމުލަކުގެ އެއް އަވަށް ފިޔަވާ ދެންހުރި އަވަށްތަކުގައި މާދަމާގެ ހުކުރު ނަމާދު ނުކުރަން ނިންމާފައިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ.ފުވައްމުލަކު ބައެއް އަވަށު މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ކުރާނެ އިމާމުން ކައުންސިލްތަކުން ހަމަޖައްސާފައިނުވަނީ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމުން އުފެދިފައިވާ ޚިޔާލް ތަފާތުވުމެއްގައެވެ. މީގެކުރިން މިސްކިތައް ބަލަހައްޓާ ހުކުރުކުރާނެ އިމާމުން ކަނޑައަޅަމުން ގެންދިޔައީ ކައުންސިލްތަކުންނެވެ.އިސްލާމިކް މިނިސްޓްރީގެ ނައިބް އިބްރާހިމް އަޙްމަދު ވިދާޅުވީ ފުވައްމުލަކުގެ ބައެއް އިމާމުންނާއި މިނިސްޓްރީން ގުޅާ މާދަމާގެ ހުކުރު ނަމާދުކުރުމުގެ ކަންކަން ހަމަޖެއްސުމަށް އަންގަވަމުންގެންދަވާކަމަށެވެ. އަދި ރައްޔިތުން އަދާކުރާ ދީނީއަޅުކަމަކަށް އެއްވެސް ރަށެއްގެ ކައުންސިލަކުން ހުރަސްއަޅުއްވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް އިބްރާހިމް އަޙްމަދު ވިދާޅުވިއެވެ.މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފައިވާގޮތަށް ފުވައްމުލަކުގައި މާދަމާ ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް ކައުންސިލްތަކުން ހަމަނުޖައްސައިފިނަމަ އެ ކައުންސިލަކާއިމެދު އެލްޖީއޭއިން ފިޔަވަޅު އަޅާނެ ކަމަށެވެ.ފުވައްމުލަކުގެ 8 އަވަށުގައި ހުކުރުކުރާ ދިހަވަރަކަށް މިސްކިތްހުރެއެވެ.