ޚަބަރު

އައްޑޫގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކުރައްވައިފި


އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީކައުންސިލުން ވަނީ އެ ސިޓީގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ. އެގޮތުން މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މުޅި އައްޑޫގެ ތާރީޚުގައި ވެސް ކުރިޔަށްދާ އެންމެބޮޑެތި މަޝްރޫޢުތައްކަމަށް އެ ކައުންސިލުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުން ކައުންސިލާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ސިޓީ ކައުންސިލާ މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާކަންކަމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާކަންކަން ފާހަގަކޮށްފައިވެއެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކޮށް ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި ޒޯން ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުންފަދަ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ފާހަގަކޮށްފައިވެއެވެ. އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި، އިންސާނީ ވަޞީލަތް އިތުރުކުރުމާއެކު އިތުރު ވަޞީލަތްތައް ބޭނުންވާކަމާއި އަދި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން އެކައުންސިލުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި މަގުތައް ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރަމުންގެންދާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރައްވާ މިދަތުރުފުޅަކީ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށާއި، އައު މަޝްރޫޢުތަކެއް ފެށުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އައްޑޫ ސިޓީއަކީ މިސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ސަރަހައްދެކެވެ. މިގޮތުން މިއަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީއަށް ޚާއްޞަކޮށް 98 މަޝްރޫޢެއް ބަޖެޓްކޮށްފައިވެއެވެ. މި މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.