ޚަބަރު

ރާއްޖެއިން ކޯވިޑް ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތަށް އިންޑިއާގެ ޚާރިޖީ ވަޒީރުގެ ތައުރީފް


ކޯވިޑްގެ ޙާލަތުން އަރައިގަނެ އާއްމު ޙާލަތަށް ރުޖޫޢަވުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް.ޖައިޝަންކަރް ތަޢުރީފް ކުރައްވައިފިއެވެ.

ޢިންޑިއާއާއި ރާއްޖޭގެ ހާރިޖީ ވަޒީރުން ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖައިޝަންކަރް ވަނީ ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޚާއްސަކޮށް ކުޑަ ޤައުމަކުން ބަލި ކޮންޓްރޯލްކޮށް އާއްމު ޙާލަތަށް ގެނައުމުގައި ރާއްޖެ ހޯދި ކާމިޔާބީ ފާހަގަކޮށް ވަނީ މަރުޚަބާ ކިޔާފައެވެ.

ޑރ.ޖައިޝަންކަރް ވަނީ ކޯވިޑް ޙާލަތުގައި އެންމެ ބޮޑަށް އިންޑިއާއިން ގުޅުން ޤާއިމުކޮށް އެހީދިން ޤައުމަކަށް ރާއްޖެ ވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ އެކުވެރިކަމާއި ގުޅުން އިތުރަށް ފެނިގެންދިޔަ ނަމޫނާ ޙާލަތެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ވެކްސިން ކެމްޕެއިނާއި، ސިއްޙީ އެހީތެރިކަމާއި ދަތުރުފަތުރުގެ ދާއިރާއިންވެސް ރާއްޖެއަށް ގާތުން އެހީދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޕްރައިން މިނިސްޓަރ މޯދީގެ ވަރަށް ބޮޑު އިސްނެގުމެއް މި އެހީތަކަކީ. އަދި ރާއްޖޭގައި ރައީސުލް ޖުމްހޫރިއްޔާއާއިއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި. އޭގެ ނަތީޒާ ވަރަށް ރަނގަޅަށް ފެނުނު. ރާއްޖޭ ޙާލަތުން އަރައިގަނެ ހޯދި ކާމިޔާބީއަށް ތަޢުރީފު ހައްގު."ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރުގެ ވާހަކަފުޅުގައި ކޯވިޑްގެ ޙާލަތުގައި ރާއްޖެއިން ކަންކަން ރޭވި ގޮތާއި ހުނަރާއި އަދި ކަންކަމާއި ކުރިމަތިލާ ފިޔަވަޅު އެޅި ގޮތްތަކަކީވެސް ނަމޫނާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

ޑރ.ޖައިޝަންކަރް ވިދާޅުވީ ދެ ގައުމުން އަލަށް ސޮއިކުރި އެއްބަސްވުމާއެކު ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތަށް އިތުރު ބޮޅެއް އިތުރުވެގެންދާނޭކަށެވެ.