ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު 2022 ގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
މިއަހަރު ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު 2022ގެ އޯޕަން ބައި ކާމިޔާބުކުރިއިރު، މީގެ ކުރިން މި މުބާރާތް ބޭއްވި ތިން ފަހަރުވެސް ކުޑަ އައްޔަ ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014 އަދި 2015 ވަނަ އަހަރުވެސް މި މުބާރާތް ބާއްވާފައިވެއެވެ.
ޖުމްލަ 33 ބައިވެރިން ބައިވެރިވި އޯޕަން ބައިގެ ފައިނަލުގައި ކުޑަ އައްޔަ ނުކުތީ އަލީ ޖާވިދު (ޖާއްޓެ) އާއި ދެކޮޅަށެވެ.
ފައިނަލް ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ 15.00 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. މިއީ މުޅި މުބާރާތުގެވެސް އެންމެ މަތީ ސްކޯއެވެ. މި ހީޓުގައި ކުޑަ އައްޔަ ވަނީ އެއް ރާޅުގައި 9.17 ސްކޯ ހޯދައިފައެވެ. ފައިނަލުގައި ޖާއްޓެއަށް ސްކޯ ކުރެވުނީ 10.20 ޕޮއިންޓެވެ.
ފިރިހެން އޯޕަން ބައިގެ ތިން ވަނަ ހޯދީ މީގެ ކުރިން ގައުމީ ބޮޑީބޯޑިން ޓީމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އަލީ ޝާމް ރާފިއު އެވެ.
މިއަހަރު އަލަށް ފެށި އަންހެން ޑިވިޝަނުގައި ހަތަރު ބޮޑީބޯޑަރުން ވަނީ ބައިވެރިވެފައެވެ. އެއީ ދަފީނާ ހަސަން އިބްރާހީމް، ރައުފާ ލުޖެއިން އަދި ޝާޒިޔާ ސައީދެވެ.
ފައިނަލުގައި ވާދަކުރީ ފުރަތަމަ ދެ ހީޓުން ކުރި ހޯދި ދެ ބޮޑީބޯޑަރުންނެވެ. އެ ގޮތުން ފައިނަލުގައި މިއަދު ހަވީރު ދަފީނާ އާއި ވާދަކޮށް ކުރި ހޯދައި ރާއްޖޭގެ ފުރަތަމަ އަންހެން ބޮޑީބޯޑިން ޗެމްޕިއަންގެ ޝަރަފް ހޯދީ ލުޖެއިން އެވެ.
ލުޖެެއިން ވަނީ ފައިނަލްގައި 6.84 ޕޮއިންޓްގެ ސްކޯއެއް ހޯދައިފަ އެވެ. ވާދަވެރި ފައިނަލުގައި ދަފީނާ އަށް ސްކޯ ކުރެވުނީ 5.76 ޕޮއިންޓެވެ.
ތިން ވަނަ ހޯދީ 6.27 ގެ ސްކޯއަކުން ރައުފާގެ މައްޗަށް ކުރި ހޯދީ ތަޖުރިބާކާރު ރާޅާ އެޅުންތެރިޔާ ޝާޒު އެވެ.
މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ ޝިމާލް ޝަމީމެވެ. ފުވައްމުލަކުގެ ޝިމާލް އާ ދެކޮޅަށް ފައިނަލްގައި ނުކުތީ އެ ރަށުގެ މުހައްމަދު ޖަރީޝް ޖިހާދު އެވެ. ފައިނަލް މެޗު ޝިމާލް ކާމިޔާބުކުރީ ޖޫނިއާ ޑިވިޝަންގެ އެންމެ މަތީ ސްކޯ ކަމަށްވާ 13.66 ގެ ސްކޯ އަކުންނެވެ.
މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި ނިމުނު ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.