ޚަބަރު

ހުޅުމާލެ ސާފުކުރުމަށް "ރޯދަ ސާފު" ހަރަކާތް ބާއްވައިފި


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ރޯދަމަހާއި ދިމާކޮށް ހުޅުމާލެ ސާފުކުރުމަށް ޙާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

"ރޯދަ ސާފު" މިނަމުގައި ހުޅުމާލެ ސާފު ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ފަށާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުންނެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ އެޗްޑީސީއަކީ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަންކަން ދިރުވާ އާލާ ކުރުމަކީވެސް އަމާޒެއް ކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ އެ ކުންފުނިން ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

" މީގެ މަގްސަދަކީ ހުޅުމާލެއަކީ ސާފު އަމާން ރައްކާތެރި ތަނަކަށް ހެދުން. ދެން ފަރުދީ ގޮތުން މިސާފުކުރުމުގައި ދޭންޖެހޭ އަހައްމިއްޔަތުކަމާއި އެކީގައި އަބަދުވެސް ސާފު ތަނެއްގެ ގޮތުގައި ބެހެއްޓުން އަދި އެ މެސެޖު ޕަބްލިކަށް ދިނުން. މީ ރަމްޒީ އިވެންޓެއް ނަމަވެސް ހުޅުމާލެ ސާފުކޮށް ބެހެއްޓުމަށްޓަކައި ކުންފުނީގެ ފަރާތުން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަމުންދާނަން. އެހެންނަމަވެސް އޭގެ އިތުރު ބާރަކަށް ވެގެންދާނެ އާއްމު ރައްޔިތުން ފަރުދީ ގޮތުން މިކަމުގައި ބައިވެރިވެގެން ކުރިއަށްދާނަމަ" ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވިއެވެ.

ސާފުކުރުމުގެ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ހުޅުމާލޭ ސްކޫލްތަކުންނާއި ރާއްޖޭގެ އެކިއެކި ސްކޫލްތަކުން މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަށް މިޕްރޮގްރާމްގައި ބައިވެރިވި މުއައްސަސާތަކުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަކީ އެޗްޑީސީން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަކަމެކެވެ.