ޚަބަރު

މަޝްވަރާތައް ހުއްޓާލައި ޖަޕާނުގެ ޖަޒީރާއެއްގައި ރަޝިޔާގެ ފަރިތަކުރުންތަކެއް


މިލްކުވެރިކަމުގެ މައްސަލަގައި ޚިޔާލުތަފާތުވެފައިވާ ޖަޕާނުގެ ކޫރިލް ޖަޒީރާގައި ރަޝިޔާއިން އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފިއެވެ.

ރަޝިޔާގެ އިރުމަތީ ފައުޖުތަކުން ބުނެފައިވަނީ ކޫރިލް ޖަޒީރާގައި ބާއްވަމުންދާ ފަރިތަކުރުންތަކުގައި 3،000 ސިފައިން ބަރުހަތިޔާރާއެކު ޙަރަކާތްތެރިވަމުންދާކަމަށެވެ. ނަމަވެސް ފަރިތަކުރުންތައް ބާއްވަނީ ހަތަރު ރަށުގެ މައްޗަށް އެކުލެވޭ ކޫރިލް ޖަޒީރާގެ ކޮން ރަށެއްގައިކަމެއް ރަޝިޔާގެ އިރުމަތީ ފައުޖުތަކުން ބުނެފައެއް ނުވެއެވެ.

ކޫރިލް ޖަޒީރާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޭރުގެ ރޫސީވިލާތުގެ ބާރުގެ ދަށަށް ގެނެސްފައިވާ ރަށްތަކެކެވެ. ނަމަވެސް އެ ރަށްތަކުގެ މިލްކުވެރިކަމަށް ޖަޕާނުން އަބަދުވެސް ދަޢުވާކުރެއެވެ. އަދި އެ ރަށްތައް ހޯދުމަށް ޖަޕާނުންވަނީ ރަޝިޔާއާއެކު ދިގުލައިގެންގޮސްފައިވާ މަޝްވަރާތަކެއްކޮށްފައެވެ. ނަމަވެސް ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ޖަޕާނުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން ރަޝިޔާއިންވަނީ ކޫރިލް ޖަޒީރާގެ މައްސަލާގައި ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ.