ޚަބަރު

2015-އެންމެ ގިނައިން ކްރިމިނަލް ކޯޓުން ނިންމީ ވައްކަމުގެ މައްސަލަ


ވޭތުވެދިޔަ 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމެވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ ކޯޓުން 1069 މައްސަލަ ނިންމަވާފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ 220 މައްސަލައާއި، މަސްތުވާތަކެތީގެ 138 މައްސަލަ އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ 106 މައްސަލަ ހިމެނެއެވެ.މީގެ އިތުރުން މިދިޔަ އަހަރު ކޯޓުން ނިންމަވާފައިވާ މައްސަލަތަކުގެ ތެރޭގައި ބަދު އަޚްލާގީ އަމަލު ހިންގިކަމުގެ 49 މައްސަލައެއް ނިންމަވާފައިވާއިރު، އެހެނިހެން ބާވަތްތަކުގެ 338 މައްސަލަ ނިންމަވާފައިވެއެވެ.މި މައްސަލަ ތަކުގެތެރޭގައި ފޭރުމުގެ 39 މައްސަލަ، މާރާމާރީގެ 36 މައްސަލަ އަދި އެކައުންޓްގައި ފައިސާނެތި ޗެކްދޫކުރި 26 މައްސަލައާއި މަކަރާއި ޙީލަތް ހެދުމުގެ 31 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޚިޔާނާތުގެ 23 މައްސަލަ އައާއި ޒިނޭކުރުމުގެ 12 މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ 11 މައްސަލަ އާއި ޣައިރުޤާނޫނީ އެއްވުމުގެ 11 މައްސަލައެއް ހިމެނޭކަމަށްވެސް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.ކްރިމިނަލް ކޯޓުން މި މައްސަލަތަކުގެ އިތުރުންވެސް ތަފާތު ގިނަ މައްސަލަތަކެއް ވޭތުވެދިޔަ އަހަރު ނިންމަވާފައިވެއެވެ.