ޚަބަރު

ގެސްޓުހައުސްތަކުން އިތުރު 500 އެއްހާ އެނދު އޮޕަރޭޝަނަށް


ގެސްޓު ހައުސްތަކުން އަހަރުގެ މިހާތަނަށް އިތުރު 500 އެއްހާ އެނދު ފަތުރުވެރިކަމަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނު އިރު ގެސްޓުހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 10716 ގައެވެ. މިއީ 613 ފެސިލިޓީއަކުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ 642 ފެސިލިޓީއަކުން 11206 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެހެންކަމުން އަހަރުގެ މިހާހިސާބަށް އައިއިރު، ފަތުރުވެރިކަމުގެ އިތުރު 29 ފެސިލިޓީއަކުން 490 މިވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.

ގެސްޓުހައުސްތަކުން ގިނަ އަދަދެއްގެ އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދުވަނީ 54618 އަށް އަރާފައެވެ. ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 39064 އެނދާއި، ގެސްޓު ހައުސްތަކުގެ 11206 އެނދާއި، ހޯމް ސްޓޭގެ 6 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2924 އެނދާއި، ހޮޓާތަކުގެ 1418 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 164 ރިސޯޓު، 642 ގެސްޓުހައުސް، އެއް ހޯމް ސްޓޭ ފެސިލިޓީ، 149 ސަފާރީ، 11 ހޮޓާ ހިމެނޭހެން ޖުމްލަ 967 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 60203 އެނދެވެ.