ޚަބަރު

ބިންގަރާހުގައި ޑްރަގްސް ފޮރުވި އިސް މީހާ ހައްޔަރުކޮށްފި


މާލޭގެއެއްގެ ބިންގަރާހެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޝާމިލުވާ އިސް މީހާ ހައްޔަރުކޮށްފިއެވެ. މިއާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް 2 މީހުންވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ އެތެރޭގައި ހަދާފައިވާ ބިންގަރާހަކުންވަނީ ހޯދާފައެވެ. މާފަންނު ގެއެއްގެ ތެރެއިން އަތުލައިގަނެވުނު މިތަކެއްޗާއެކު އެވަގުތު މީހަކު ހައްޔަރުކޮށްފައިވާކަމަށް ސީޕީ ޙަމީދުވަނީ ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައިވަނީ މަސްތުވާތަކެތީގެ މިމައްސަލައިގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތުމުގައި ފުލުހުން އަންނަނީ ފަހަކަށް އައިސް ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާދިއްތަ ދުވަހުގެ ރޭވެސްވަނީ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. މީގެ އިތުރުންވެސް މިހިނގާ މާޗްމަހުގެ ތެރޭގައި އެއްގަމާއި ކަނޑުމަތީ ހިންގި އެކި އޮޕަރޭޝަންތަކުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުންވަނީ ހިފަހައްޓާފައެވެ.