ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު އައިސީބީއެމު އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފި


ދުނިޔޭގެ އެންމެ ބޮޑު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް، އައިސީބީއެމު އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފިއެވެ.

2017ވަނަ އަހަރުގެ ފަހުން އުތުރު ކޮރެޔާއިން ތަޖުރިބާކުރި އެންމެ ބާރުގަދަ އައިސީބީއެމުވަނީ އެ ޤައުމުން ކުރިން ތަޖުރިބާކުރި މިސައިލުތަކަށްވުރެ މަތިން އަދި ދުރަށް އުދުހިފައެވެ. އެ މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ ހުޅަނގުގެ ކަނޑުގެ ސަރަޙައްދަށެވެ. އެ މިސައިލުވަނީ 6,248.5 ކިލޯމީޓަރު މަތިން 1,090 ކިލޯމީޓަރު ދުރަށް އުދުހިފައެވެ. އުތުރު ކޮރެޔާއިން ސިފަކުރި ގޮތުގައި އެއީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރަކާއި ކާމިޔާބެކެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކުރި އައިސީބީއެމަކީ ދުނިޔޭގެ ޤައުމަކުން އީޖާދުކުރި އެފަދަ އެންމެ ބޮޑު މިސައިލެވެ. އަދި އެ މިސައިލުގައި ގިނަ ޢަދަދެއްގެ ބާރުގަދަ ގޮވާތަކެެއްޗާއި ނިޔުކްލިޔަރ ހަތިޔާރު އުފުލޭނެކަމަށާއި އެއްފަހަރާއި ގިނަ ޢަމާޒުތަކަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައި އުތުރު ކޮރެޔާއިން އެމެރިކާގެ ކޮންމެ ސަރަޙައްދަކަށް ޙަމަލާދެވޭނެ ޤާބިލުކަން ލިބިފައިވާ އައިސީބީއެމު އުފައްދަން ފެށުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންނަށް ކުރިމަތިވެވަޑައިގަންނަވާނެ އިތުރު ނުތަނަވަސްކަމެކެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ބައިޑަންވަނީ ޗައިނާއިން ކުރިމަތިވެދާނެ ނުރައްކާތެރިކަމަކަށް އެކުވެރި ޤައުމުތައް އެއްގަލަކަށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ މައްސަލާގައި ޚިޔާލުތަފާފުވެފައިވާ އދގެ ސަލާމަތީ މަޖިލީހުން އަނެއްކާވެސް އުތުރު ކޮރެޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ތާޢީދުކޮށްފާނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ.