ޚަބަރު

އައިޓީބީ ބާލިން ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން މުހިންމު ބައްދަލުވުންތަކެއް


އައިޓީބީ ބާލިން ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކުގެ މެދުގައި ކާމިޔާބު ބައްދަލުވުންތަކަކާއި، ނެޓްވޯކިން ސެޝަންތަކަކާއެކު ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ މިމަހުގެ 17ވަނަ ދުވަހު އެކަމަށް ޚާއްސަ
ޔޫސާ- ފްރެންޑްލީ ޕޯޓަލް' އެއް ހިމެނޭ ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރިއްޔާއިންނެވެ.

އައިޓީބީ ބާލިން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ޓްރޭޑު ޝޯއެވެ. މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ޚިދުމަތްދޭ ފަރާތްތަކާއި، ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކާއެކު އެއް ޕްލެޓްފޯމެއްގެ ދަށުން ބައްދަލުކޮށް، މުހިންމު މަޝްވަރާތައްކޮށް، ގުޅުން ބަދަހިކުރުމަށާއި، ޕާޓްނަރޝިޕްތައް އުފެއްދުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭ ހަރަކާތެކެވެ.

މިއަހަރުގެ އައިޓީބީ ވާޗުއަލް އިވެންޓުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ބޭނުންކޮށްލަން ފަސޭހަ ނެޓްވޯކިން ޓޫލްތަކާއި، އޯޑިއޯ މެސެޖިން ޓޫލްތައް މެދުވެރިކޮށެވެ. މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ސްޕީޑު ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދީފައިވެއެެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ޖަރުމަންވިލާތް، އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ.

ޖަރުމަންވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 7.2 އިންސައްތައަކީ ޖަރުމަން ފަތުރުވެރިންނެވެ.