ޔޫކްރެއިނުގައި ހަނގުރާމަކުރަމުންދާ ސަރަޙައްދުތައް ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފަސޭހަ ގޮތްތަކަކާއި އެ ޤައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތަކެއް ހަމަޖައްސާދިނުމަށް ގޮވާލައި އދގެ ސަލާމަތީ މަޖިލީހަށް ރަޝިޔާއިން ހުށަހެޅި ޤަރާރު ނާކާމިޔާބުވެއްޖެއެވެ.
ފަނަރަ މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކުރުމަށް ވޯޓުދީފައިވަނީ ހަމައެކަނި ރަޝިޔާއިންނާއި ޗައިނާއިންނެވެ. އަނެއް 13 ޤައުމު ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޔޫއޭއީ ހިމެނެއެވެ. ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރެވޭނީ ރަޝިޔާއާއި ޗައިނާގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ވޯޓާއެކުއެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އދއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ސަފީރު ބާބަރާ ވުޑުވަޑު ވިދާޅުވީ ޔޫކްރެއިނުގެ އިންސާނީ ޙާލަތަށް ވިސްނާނަމަ ރަޝިޔާއިން ދެމުންދާ ޙަމަލާތައް ހުއްޓާލާނެކަމަށެވެ. އަދި އދއަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރު ލިންޑާ ތޯމަސް ގުރީންފިލްޑު ވިދާޅުވީ ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގައި އެންމެ ނާޒުކު ޙާލަތުގައި އޮތް ޤައުމަށް ޔޫކްރެއިނުވެއްޖެކަމަށެވެ.
އދގެ ހަ ޤައުމެއްފެ ތާޢީދާއެކު ދެކުނު އެފްރިކާއިންވަނީ ރަޝިޔާއިން ހުށަހެޅިފަދަ ޤަރާރެއް އަލުން ސަލާމަތީ މަޖިލީހަށް ހުށަހަޅައިފައެވެ. ރަޝިޔާއިންވަނީ އެ ޤަރާރަށް ވޯޓު ދިނުމަށް ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް ގޮވާލައިފައެވެ.