ޚަބަރު

ވަގު ފަހާދުވެ އަތުލި އޮފިސަރަކީ މީ، ތައުރީފު ހަމަ ހައްޤު


ވައްކަމުގެ ތުހުމަތުކުރޭ މީހަކު ފިލަން މަސައްކަތް ކުރުމުން އޭނާ ފަހާދުވެގެން ހިފާ ހައްޔަރުކުރި ފުލުސް މީހާއަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ތައުރީފުކުރައްވައިފިއެވެ. ފުލުސް އޮފިސަރު ދުވެ ގޮސް، ފިލަން އުޅުނު ވަގު މީހާ ހިފެހެއްޓީ އޭނާ ފިލަން ދުވެފައި ގޮސް ގެއެއްގެ ސިޑިން ހަތަރުވަނަ ބުރިއަށް އެރިތަނާއެވެ.

މީގެ އެއް ދުވަސްކުރިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މީހެއްގެ ފަހަތުން ފުލުހަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއަކަށެވެ. ވީޑިއޯއިން ފެންނަނީ މާލޭގެ ޗާންދަނީ މަގެވެ. ވައްކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ފަހަތުން ފުލުހަކު ދުވެ އޭނާ އަތުލައިގަނެގެން ގެންދާ މަންޒަރެވެ.

ވަގެއްކަމަށް ތުހުމަތުކުރެވޭ މީހާއާއި ސުވާލުކުރަން އުޅުމުން އެނާ ބާރަށް ދުވައިގަނެއެވެ. ފުލުސް އޮފިސަރުވެސް ބަލަން ނުހުރެ އެ މީހާގެ ފަހަތުން ދުވައިގަނެއެވެ. ހަލުވިކޮށް ބާރަށް ދުވެގޮސް ފުލުސް އޮފިސަރު އެމީހާއާއި އަރާހަމަވުމުން ވަގުކަލޭގެ އެންމެ ކައިރިން ޖެހޭ ގެއެއްގެ ތެރެއަށް ވަދެ ސިޑިން މައްޗަށް އަރަން ފަށައެވެ. ފުލުސްމީހާވެސް ދޫނުކޮށް ވަގުކަލޭގެ ފަހަތުން ސިޑިން އަރާ އޭނާ ހައްޔަރުކޮށް އެގެއިން ނެރިގެން އާދެއެވެ. ޗާންދަނީ މަގާއި ވަގުކަލޭގެ ފިލަން ވަން ގޭގެ ސިޑިތައް ފެންނަ ގޮތަށް ހަރުކޮށްފައިވާ ކެމެރާތަކަށް މި މަމްޒަރުތައް ވަނީ ރެކޯޑްކުރެވިފައެވެ.

ކުށްކުރާ މީހުން އަތުލައިގަތުމަށް ފުލުހުން ފަހަތު ދުވުމަކީ އައު ކަމެއް ނޫންނެވެ. އެެހެންނަމަވެސް މި ކަހަލަ ސީނެއް އެއްކޮށް ވީޑިއޯއަކުން މި ފެނުނީ ފުރަތަމަ ފަހަރަށްކަމަށްވެސް ވެދާނެއެވެ. ވަރުބަލިވި ނަމަވެސް އެކަމަށް ބެލުމެއް ނެތި ފުލުހެއްގެ ޒިންމާ އަދާކުރި މި ފުލުސް އޮފިސަރަކީ ޕޮލިސް ސާޖަންޓު މުއްސަދު އަސްލަމްއެވެ. މީނާގެ މަސައްކަތް ފާހަގަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އޭނާއާއި ބައްދަލުކުރައްވާ ދެއްކި ހިއްވަރު ފާހަގަކޮށްފައެވެ. އަދި އެނާގެ މަސައްކަތާއި މެދު ފަހުރުވެރިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ ރައްޔިތުންނާއި ހިދުމަތް ކުރުމުގައި މި ނޫނަސް ގިނަ ފުލުހުން އާދަޔާ ހިލާފު ބޮޑެތި މަސައްކަތްތައް ކުރާކަމަށެވެ. އަދި ފުލުހުންގެ ފްރަންޓް ލައިން ޕޮލިސިން މޮޑެލަށް ގެނައި ބަދަލުތަލުގެ ރަނގަޅު ނަތީޖާ ފެންނަމުންދާކަންވެސް ހަމީދު ވަނީ ފާހަގަކުރެއްވާފައެވެ.

ކޮންމެއަކަސް މި ފުލުސްމީހާ ދައްކުވައިދެނީ ކިތަންމެ ވަރު ބަލިވެ ތަންތަނުގައި ހިފަހައްޓައިގެން ހިގަން ޖެހުނުނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަސްނުޖެހޭނެކަމެވެ. މައްސަދު އަސްލަމްގެ މަސައްކަތައް ތައުރީފުކުރީ ހަމައެކަނި ކޮމިޝަނަރެއްވެސް ނޫނެވެ. އެ މަންޒަރު ފެނުނު ގިނަ ބަޔަކު ވަނީ އެ ވީޑިއޯއަށް ކޮމެންޓްކޮށްފައެވެ. އެކަކު ކުރި ކޮމެންޓެއްގައި ބުންޏެވެެ. ފުލުސް އޮފިސަރުކުރި މަސައްކަތް ވަރަށް ފުރިހަމައެވެ. އަނެއް މީހަކު ބުނެފައި އޮތެވެ. މި ފެނުނީ ކޮންމެ ހާލަކުން ވިޔަސް ފުލުހުން އެމީހުންގެ ޒިންމާތައް އަދާކުރަން ކުރާ މަސައްކަތެވެ. އެހެންކަމުން އެކަމަށް ސާބަސް ދޭންޖެހެއެވެ.

ތެދެކެވެ. މުއްސަދު އަސްލަމްގެ މަސައްކަތައް ހަމަ ސާބަހެވެ. ރައްޔިތުންގެ ހިދުމަތުގައި އެެކުރާ މަސައްކަތައް ހަމަ އައްސަރި ބަހުން ސާބަހެވެ.