ރާއްޖޭގެ އަސްލު އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި، ކޮލިފިކޭޝަންގެ ކުރިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މުހިންމީ ކޮލިފިކޭޝަނަށް ނުކުންނައިރު، ޓީމުގެ ރޫހު ވަރުގަދަ ކުރުމަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ކުޅުނު ފޯނޭޝަން ކަޕުގައި ބަންގްލަދޭޝްއިން ވަނީ 2-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. މިއީ މިދިޔަ 18 އަހަރު ތެރޭ ބަންގްލަދަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝް މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޮރިއޭރޯ ބުނީ ޓީމުގައި މިވަގުތު އޮތީ ފޯ ނޭޝަންސް ކަޕުގެ ހާލަތު ނޫން ކަމަށާއި، އޭރާއި އަޅާބަލާ މިހާރު ގިނަކަންކަން ރަނގަޅު ކޮށްފައިވާ ކަމަށެވެ.
މޮރިއޭރޯ ބުނީ މި މެޗަށް ނުކުންނައިރު މުހިންމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބި ކަމަށާއި، އެކަމަކު ޒުވާން ކުޅުންތެރިން ބޭނުންކޮށްގެން އެތަން ފޫބެއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނީ، މި މެޗަށް ނުކުންނައިރު ޓީމުގެ ކުޅުންތެރިންގެ އޮތީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށެވެ. އަދި ބަންގްލަދޭޝް އަތުން 18 އަހަރަށްފަހުވި ބައްޔާއެކު ސަޕޯޓަރުންނަށް ލިބުނު މާޔޫސްކަން ފިލުވައިދޭން މި މެޗުން މޮޅުވުން މުހިންމު ކަމުގައި އަކުރަމް ބުނިއެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗުތަކަކީ ފޯރިގަދަ މެޗުތަކެކެވެ. މި ދެ ޓީމު އެންމެ ފަހުން އެކުވެރި ކަމުގެ މެޗަކަށް ނުކުމެފައިވަނީ 2016 ވަނަ އަހަރު ރާއްޖޭގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް މި ދެ ޓީމު ކުޅެފައިވާއިރު، އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ނޮވެމްބަރު މަހު ލަންކާގައި އޮތް ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.