ޚަބަރު

ކިނޮޅަހު އިންޖީނުގޭގެ އަޑު އަންނަމަހު ރަށުތެރެއިން ކެނޑޭނެ


ކިނޮޅަހު ރަށުތެރޭގައި ހުރި އިންޖީނު ގޭގެ އަޑު ކެނޑި، އައު އިންޖީނުގެއިން އަންނަމަހު ކަރަންޓް ފޯރުކޮށްދޭން ފެށޭނެކަމަށް އުންމީދުކުރާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކިނޮޅަހަކީ ރ.އަތޮޅުގައި އާބާދީ މަދުރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެންނަމަވެސް ތަރައްޤީ ގެނައުމާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި ތަފާތެއް ނުގެންގުޅޭކަން ފާހަގަވެގެންދަނީ އެރަށުގައި ސަރުކާރުން ހިންގާ ބޮޑެތި ބިޔަ މަޝްރޫޢުތަކުންނެވެ.

ދުނބުޅި އިންޖީނުގެތައް ޒަމާނީ އިންޖީނުގެތަކަށް ބަދަލުކޮށް ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ރައްކާތެރި ޚިދުމަތަކަށް ހެއްދެވުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރ.ކިނޮޅަހުގައި އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާރިޗް މަސްތެރޭގައެވެ. ކޯވިޑްގެ ބަލިމަޑުކަމާއެކު ދިމާވި ދަތި އުނދަގޫ ކަންކަމާއެކުވެސް އެ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ރައްޔިތުން ދިރިނޫޅޭ ސަރަހައްދާ ދުރުގައި އިމާރާތް ކުރި މި އިންޖީނުގޭގައި މިހާރު ކުރަމުންދަނީ ސަރުކާރުން ހަދިޔާކުރި 400 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ހުންނަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ކަމުން އިންޖީނުތަކުގެ އަޑު ގަދަވެ ދުންއެރުމުގެ ޝަކުވާ ލިބޭކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވިއެވެ. އަދި އެއިމާރާތް ބާވެ މަސައްކަތް ކުރުމަށް އިދާރީ އޮފީހެއް ނެތުމަކީ އޮތް ބޮޑު ގޮންޖެހުމެއް ކަމަށާ އެސަބަބުތަކާ ހުރެ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ކުރަމުން އައި ޝަކުވާއަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެ އެގޮތުން މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ އެއްކޮށް ނިއްވާލުމަށްޓަކައި އެރަށު ފެނަކަ އާއި ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުން" ފޯނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވިއެވެ.

ކިނޮޅަހުގައި މިހާރު ކަރަންޓް ފޯރުކޮށްދެނީ 150، 128 ،100 ކިލޯވޮޓްގެ ތިން ޖަނަރޭޓަރުނެވެ. އަޙުމަދު ހުސެއިން ވިދާޅުވީ ރަށުގެ ކަރަންޓްގެ ހާލަތު ޖުމްލަކޮށް ރަނގަޅު ކަމަށެވެ. އަދި އައު އިންޖީނުގެއިން ޚިދުމަތް ދިނުމަށް ތައްޔާރު ވަމުން ދާއިރު މުޅި ރަށުގެ ކޭބަލް ނެޓްވޯކް އެއްކޮށް ވަނީ ބަދަލުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރ ސެޓްތައް ބަދަލު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭވަރު ވާނެކަމަށާ އެކަން ކުރަނީ މިހާރު އަލަށް ހަދާފައި ހުރި އިމާރާތައް ވައްދާފައި ހުރި 400 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓް މެދުވެރިކޮށް ކަރަންޓް ފޯރުކޮށް ދިނުމަށް ފަހު ކަމަށް އަޙުމަދު ހުސެއިން ވިދާޅުވިއެވެ.

"މިފަދަ ބޮޑުކަމެއް ކުރާއިރު ކަރަންޓް ކެނޑުން އެކަށީގެންވޭ. އެކަމު ބަލާނީ ވީހާވެސް މަދުވަގުތުކޮޅަކަށް ކަރަންޓް ކަނޑާލައިގެން މަސައްކަތް ކުރުމަށް. އެހާލަތުގައި ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެދާނެ. ދަތިކަމަށްޓަކައި މައާފަށް އެދެން" ކިނޮޅަހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އައު އިންޖީނުގެއާ އެކީ އިދާރީ ގޮތުން މަސައްކަތް ކުރުމަށް އޮފީސް އިމާރާތެއްވެސް އެރަށުގައި އަންނަނީ ހަދަމުންނެވެ މި އިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިމަސައްކަތުގެ އިތުރުން ކިނޮޅަހުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމާ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެތެރެއިން ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމި ބޭނުން ކުރަން ފަށަން ތައްޔާރުވެފައެވެ. އެހެން ނަމަވެސް މިކަން ކުރެވޭނީ އައު އިންޖީނުގެ އޮޕަރޭޝަނަށް ގެންވިގެންނެވެ. އެއީ މިހާރު ހުރި ޖަނަރޭޓަރ ސެޓްތައް މެދުވެރިކޮށް އެތަނަށް ބޭނުންވާވަރަށް ކަރަންޓް ފޯރުކޮށްނުދެވޭނެތީއެވެ.
މިމަސައްކަތުގެ އިތުރުން ކިނޮޅަހުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމާ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެތެރެއިން ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމި ބޭނުން ކުރަން ފަށަން ތައްޔާރުވެފައެވެ. އެހެން ނަމަވެސް މިކަން ކުރެވޭނީ އައު އިންޖީނުގެ އޮޕަރޭޝަނަށް ގެންވިގެންކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެެވެ.