ޚަބަރު

4 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާލައިފި


އެމް.ޑަބްލިޔު.އެސް.ސީން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ 4 ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ކޮމިޝަންކުރުމުގެ މަސައްކަތްކަމަށެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ ނ.މާޅެންދޫ، ނ.ކުޑަފަރި އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ނިމިފައިވާކަމަށާއި، އަދި ބ. ގޮއިދޫގެ ކޮމިޝަނުންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރުވެފައިވާކަމަށެވެ.

މިރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ ކޯޕަރޭޝަން އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށްތަކަށް ވަޑައިގެންނެވެ. މީގެއިތުރުން، މިރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެނިންގ ޕްރޮގްރާމްވެސް ވަނީ ހިންގާ ނިމިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ހަތަރު ރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ފޮޅީގެ މައި ނެޓްވާރކް އަޅައި، އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓްއާއި އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ނިމިފައިވާކަމަށެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވަނީ ގުޅާފައިވާއިރު މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ނިމިފައިވާކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދެވިފައިކަމަށެވެ.

މިރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މިމަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 163.55 މިލިއަން ރުފިޔާއެވެ.

މިމަޝްރޫޢުތަކުގެ ސަބަބުން މިރަށްތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.