ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކުގެ ކަނޑުތަކުގެ ފިނިހޫނުމިން ކަންބޮޑުވާ ދަރަޖައަކަށް ދާނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ލަފާކުރައްވައިފިއެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފަރުތައް ސްޓްރެސްވެ، ގާ ހުދުވުމުގެ ފުރުސަތު މިދުވަސްވަރު ބޮޑުވެފައިވާކަމަށެވެ.
ނޭޝަނަލް އެންވަޔަރަމެންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ގާ ހުދުވުމުގެ ގިންތި ބައިނަލްއަޤުވާމީ ގޮތުން ގިންތިކުރާ މިންގަނޑުގެ ވޮޗް ލެވެލްގައިކަމަށެވެ. އަދި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މި ލެވެލް ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ވޯނިންގ ލެވެލްއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށްއޮތް 9 ހަފްތާއާއި 12 ހަފްތާގެ ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަޙައްދުތަކުގައި މި ގިންތި އެލާޓް ލެވެލް 1 އަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ވަނީ ކަނޑުތައް ހޫނުވުމުގެ މައްސަލަ ކުރިމަތިވެ ފަރުތައް ހުދުވުމުގެ ފުރުސަތު ބޮޑުވެފައިވާތީ ދެކުނުގެ ފަރުތަކުގެ ގާ ހުދުވުމުގެ ޙާދިސާތައް ހިނގާނަމަ ރިޕޯޓުކުރުމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން އިލްތިމާސްކުރައްވައެވެ.
އެއިދާރާއިން ވިދާޅުވީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވެގެންދާނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާކަމަށެވެ.