ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް، ނަފުސާނީ ދެ ޑޮކްޓަރުން ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ގެނެވޭނެކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މިކަން ހާމަކުރައްވާފައި މިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައި ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފުސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ނުލިބޭކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއިން ފާހަގަކުރެއްވުމުންނެވެ.
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެ މަރުކަޒުގައި އެންމެ ފަހުން ޑޮކްޓަރެއް ހުންނެވީ 2020 ވަނަ އަހަރުކަމަށެވެ. އޭރު ހުންނެވި ޑޮކްޓަރު އެނބުރި ގައުމަށް ވަޑައިގެންނެވީ ކޮވިޑް-19 ފެތުރެން ފެށުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެ މަރުކަޒުގެ ކެޕޭސިޓީއަށްވުރެ މީހުން އިތުރުވެފައިވާތީ އާއި ބެލެހެއްޓުމަށް ދަތިތަކެއް ހުރުމުން އިތުރު 7 ނަރުހުން ނަގައި، ކެއާ ޓޭކަރުންވެސް އިތުރުކުރަމުން އަންނަ ކަމަށްވެސް ޒުލްފިޝާން ވިދާޅުވިއެވެ.
"150 ބަލި މީހުންނަކީ އަދި ނަފްސާނީ ގޮތުން ބަލި މީހުންނަކީ 2 ނަފްސާނީ ޑޮކްޓަރުންނަށް އަސްލު ރަނގަޅަށް ބެލެހެއްޓޭނެ. އޭގެ އިތުރުންވެސް އަޅުގަނޑުމެންގެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ނަފްސާނީ ކަންތައްތަކަށް އެޓެންޑު ކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ 2 ނަފްސާނީ ޑޮކްޓަރުން އަޅުގަނޑުމެންނަށް އެތާނގައި ހަމަޖެއްސިއްޖެކަމުގައި ވާނަމަ" ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
ޒުލްފިޝާން ވިދާޅުވީ އެ މަރުކަޒުގައި ނަފުސާނީ ޑޮކްޓަރަކު ނެތި ދިޔައީ ދެ އަހަރު ކަމަށާއި މި މުއްދަތުގެ ތެރޭގައިވެސް އައިޖީއެމްއެޗްއާ ގުޅިގެން އެތަނުގައި ތިބޭ ބަލި މީހުން ބަލަމުންދިޔަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގެ ނަފުސާނީ ޑޮކްޓަރުން ދެ ބުރެއްގެ މަތިން މަރުކަޒަށް ވަޑައިގެން ބަލި މީހުން ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް، ނަފުސާނީ ދެ ޑޮކްޓަރުން ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ގެނެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވާފައި މިވަނީ، އެމަރުކަޒުގައި، ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފުސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރިޕޯޓެއްގައި ފާހަގަކުރުމުންނެވެ.